އިސްލާމީ އުޞޫލުތަކާއި އެކަކު އަނެކަކަށް ޤަދަރުކުރުމުގެ ސިފަ މުޖުތަމަޢުގައި އާލާކުރެއްވުމުގެ ބޭނުމުގައި ފެށި "އިޙްތިރާމުކުރުމުގެ ޤައުމީ މަޝްރޫއު' ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރޭ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ އިތުރުން ދައުލަތުގެ މިނިސްޓަރުންނާއި މުއައްސަސާތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫޢުގެ ލޯގޯ ވެސް އެ ރަސްމިއްޔާތުގައި ރައީސް އިފްތިތާޙުކޮށްދެއްވިއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު ޤައުމާ މުޚާޠަބުކުރައްވައި އެންމެ ފުރަތަމަ ދެއްކެވި ވާހަކަފުޅުގެ ތެރެއިން، ޤައުމަށް ގެންނަވަން ބޭނުންފުޅުވާ ބަދަލު ސިފަކޮށްދެއްވީ މާއްދީ އަދި މާނަވީ ތަރައްޤީގެ ގޮތުގައިކަން ހަނދާންކޮށްދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އަމާޒަކީ ހަމައެކަނި ލޮލަށް ފެންނަ ޢުމުރާނީ ބިނާތައް ނޫން ކަމަށާއި، ފިކުރީ ގޮތުންނާއި އިންސާނީ ގޮތުން ވެސް ދިވެހި މުޖުތަމަޢު ބިނާކުރެއްވުން ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދިވެހި މުޖުތަމަޢަކީ އިންސާނީ ކަރާމާތް ނަގަހައްޓައި، ޤައުމީ ތަރިކައާއި ދިވެހިވަންތަކަމަށް ފަޚުރުވެރިވާ ތަނަކަށް ވެގެންދާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
މަޝްރޫޢުގެ މައިގަނޑު ލަނޑުދަނޑިއަކީ މުޖުތަމަޢުގައި ހަރުލާފައި ހުރި ނޭދެވޭ ސިފަތައް ފޮހެލައި، އަޚްލާޤީ ގޮތުން ރައްޔިތުން ބިނާކުރެއްވުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ "އެކަކު އަނެކަކަށް ފުރައްސާރަކުރުމާ ޣީބަބުނުމާ ދޮގުހެދުމުގެ ނުބައި ސިފަތަކުން އަޅުގަނޑުމެންގެ މުޖުތަމަޢު ޠާހިރުކޮށްފިނަމަ އަޅުގަނޑުމެންނަކީ އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރުމުގެ ލާމަސީލު މިސާލަކަށް ވެގެންދާނެ" ކަމަށެވެ. ހަމައެއާއެކު، ދިވެހީންގެ މާޒީގައި އޮތް ވަގުތަށް ކަމޭހިތުމުގެ ރީތި ސިފައަށް ވެސް އެމަނިކުފާނު އިޝާރާތްކުރެއްވިއެވެ.
މި މަޝްރޫޢާ ގުޅޭ ގޮތުން ރައީސް ފުރަތަމަ ގޮވާލެއްވީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އދ. މަހިބަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. "އިޙުތިރާމުގެ އުފާ މުޖުތަމަޢުގެ ނަފާ" މި ޝިޢާރުގެ ދަށުން ފަސް އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫޢު ބެލެހެއްޓެވުން ހަވާލުކުރައްވާފައި ވަނީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް