ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަށް އިޖާބަދީ، ސަރުކާރު ހިންގާ ޕީއެންސީއާ އެކު ކޯލިޝަން ހެދުމަށާއި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު އިންތިހާބުކުރުމަށް މަސައްކަތްކުރަން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.
ދީނީ ކަންކަން ހަރުދަނާކުރުމާއި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމުގެ އިތުރުން އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށް ސިޔާސީ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް ފާހަގަކޮށް، ސަރުކާރާ ގުޅެން ރައީސް މުއިއްޒު ވަނީ އެ ޕާޓީއަށް ދައުވަތު ދެއްވައިފައެވެ. މަޝްވަރާ މަޖިލީހުން ފާސްކުރި ގަރާރުގައި ބުނެފައިވަނީ މި ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ކަމަށެވެ.
އެ ގަރާރުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، އިސްލާމް ދީނާއި ދިވެހިންގެ ގައުމިއްޔަތާއި ރާއްޖޭގެ މިނިވަންކަން ރައްކާތެރިކޮށް، އިސްލާމީ އަގީދާއާއި އުސޫލުތަކުގެ މައްޗަށް ބިނާކޮށް ގައުމު ކުރިއެރުވުމަކީ އެ ޕާޓީ އުފެދުނު މަގުސަދެވެ. ސިޔާސީ ހަމަޖެހުމާއި ގައުމީ އެއްބައިވަންތަކަން ވަރުގަދަކުރުމަށް ގުޅިގެން މަސައްކަތްކުރުމަކީ ގައުމުގެ މަސްލަހަތު އެންމެ ބޮޑަށް އެކުލެވޭ ގޮތް ކަމަށް ވެސް ގަރާރުގައި ބުނެފައިވެއެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ވެސް އަދާލަތު ޕާޓީ އޮތީ އެ ސަރުކާރުގެ ކޯލިޝަންގައެވެ. ހަމައެހެންމެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ވެސް އެ ޕާޓީ ވަނީ ބައިވެރިވެފައެވެ. މިހާރު އައު ލީޑަޝިޕެއްގެ ދަށުން ޕާޓީ ހިންގަމުން އަންނައިރު، ކުރީގެ ރައީސް އިމްރާން އަބްދުﷲ ގެންދަވަނީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް