މޫނު ނިވާކޮށްގެން ތިބި ދެމީހަކު މާލޭގައި އަމީނީމަގުގައި ހިންގަމުން އަންނަ ކެފޭ ޑި މާލެއަށް ގެއްލުންދިން މައްސަލައެއްގެ މައުލޫމާތު ފުލުހުން ހިއްސާކޮށްފިއެވެ.
އެގޮތުން މިހާރު ފުލުހުން ކުރިއަށްގެންދާ ޕްރެސް ބްރީފިންގައި ފުލުހުން ބުނެފައިވަނީ އޮކްޓޯބަރު 27ގެ ހަވީރު 05:53 ގައި މޫނު ނިވާކުރުމުގެ ނިޔަތުގައި ހެލްމެޓު އަޅައިގެންތިބި ދެމީހަކު އެ ކެފޭއަށްވަދެ ބޮޑެތި ގެއްލުންތަކެއް ދިން ކަމަށެވެ. އަދި އެ ދެމީހުން ހަމަލާ ދިނުމަށް ވަނުމުގެ 10 ވަރަކަށް މިނެޓުގެ ކުރިއަށް އިތުރު މީހަކު ގޮސް އެ ކެފޭ ވީޑިއޯކުރި ކަންވެސް އެނގުނު ކަމަށެވެ.
މި މައްސަލައިގާ ތިން މީހުންވެސް ހައްޔަރުކޮށްފައިވާއިރު އެމީހުން ތިބީ މަތިމަތިންވެސް އަންނައުނު ލައިގެން ކަމަށާއި އަދި ސާޖިކަލް މާސްކުވެސް އަޅައިގެން ކަމަށެވެ. ހަމަލާ ދިނުމަށްފަހު އެމީހުން އަންނައުނު މާލޭގައި އިމާރާތްކުރަމުންދިޔަ ގެއެއްގެ ތެރެއަށް އުކާލާފައި ހުއްޓާ ހޯދިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި އެ ތިން މީހުންގެ ތެރެއިން އެކަކީ 18 އަހަރު ނުފުރޭ ކުޑަ ކުއްޖެކެވެ. އަނެކަކީ 18 އަހަރުގެ މީހެކެވެ. އަދި ވީޑިއޯ ކުރުމުގައި އެހީވީ 21 އަހަރުގެ މީހެއް ކަމަށެވެ.
މިއީ މާލޭގައި މިހާރު ހިންގަމުން އަންނަ ސިލްސިލާ ގޭންގް މާރާމާރީގެ މައްސަލަތަކުގެ ތެރެއިން މައްސަލައެއްކަން ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް