ނޯވޭގެ ކެޕްޓަން މާޓިން އޯޑެގާޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން ކުޅުމާއި ދުރަށް ދާން ޖެހުނުއިރު، އޭނާއަށް މުހިންމު މެޗުތަކެއް ގެއްލޭނެކަން ޔަގީންވެއްޖެއެވެ.
ނޯވޭގެ ފުޓުބޯޅަ ފެޑެރޭޝަނުން އޮޑިގާޑުގެ އަނިޔާއާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ މާޓިން އޯޑެގާޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން ކުޅުމާއި ދުރަށް ދާން ޖެހިފައިވާކަމަށެވެ. އަދި ޔުއެފާ ނޭޝަންސް ލީގުގައި އެ ޓީމުން ސްލޮވީނިއާ އަދި ކަޒަކިސްތާނާ ދެކޮޅަށް ކުޅޭ މެޗުތަކުގައި އޮޑިގާޑް ބައިވެރިނުވާނެކަމަށެވެ.
އުމުރުން 25 އަހަރުގެ އޮޑެގާޑަށް އަނިޔާވީ، މިދިޔަ ސެޕްޓެންބަރު މަހުގައި ގައުމީ ޓީމަށް ކުޅެނިކޮށެވެ. އޮޑެގާޑްގެ ފައިގެ ކުޑަހުޅަށް ލިބުނު މި އަނިޔާގެ ސަބަބުން މިދިޔަ ދެ މަހެއްހާ ދުވަހު ހުރީ ކުޅުމާ ދުރުގައެވެ.
އެހެންކަމުން، ނޯވޭ އިން ވަނީ، އޮޑެގާޑްގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާއިން އެއްކޮށް ރަނގަޅުވެ، މެޗު ފިޓްނަސް ހޯދުމަށް އިތުރުވަގުތު ބޭނުންވާތީވެ މިވަގުތަށް ގައުމީ ޓީމުގެ މެޗުތަކުގައި ބައިވެރިނުކުރާން ނިންމާފައެވެ.
އޮޑެގާޑަށް ލިބުނު މި އަނިޔާއިން ރަނގަޅުވެ، މިދިޔަ ހަފްތާގެ ތެރޭގައި ޔުއެފާ ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި އިންޓަރ މިލާނާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގެ ފަހު 10 ވަރަކަށް މިނެޓުގައި ވަނީ ކުޅެން ނިކުމެފައެވެ. އެއަށްފަހު، މި ހަފްތާގެ އާދީއްތަ ދުވަހު ޕްރިމިއަރ ލީގުގައި ރަށުން ބޭރުގައި ޗެލްސީއާ 1-1 އިން އެއްވަރުވި މެޗުގެ ފުރިހަމަ 90 މިނެޓު ވަނީ ކުޅެފައެވެ.
އޮލާ ސޭންޑް ބުނީ، ނޯވޭ އިން ސްލޮވީނިއާ އާއި ކަޒަކިސްތާނާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގައި އޮޑެގާޑް ބައިވެރިނުކުރުމަށް ނިންމީ މަޝްވަރާކުރުމަށްފަހު ވަރަށް ރަނގަޅަށް ބެލުމަށްފަހު ކަމަށެވެ. އަދި އެކަމުގައި ޚުދު އޮޑެގާޑާ ވެސް މަޝްވަރާކޮށް، އެއްބަސްވެފައިވަނީ އެނބުރި ލަންޑަނަށް ގޮސް އެ ތާނގާއި ރިހެބިލިޓޭޝަން ކުރިއަށްގެންދިއުމަށް ކަމަށް ވެސް އޮލާ ސާންޑް ބުންޏެވެ.
ނޯވޭގެ އެކި އުމުރުފުރާގެ ގައުމީ ޓީމުތަކަށް ކުޅެފައިވާ އޮޑެގާޑް އެންމެ ފުރަތަމަ ސީނިއާ ޓީމަށް ކުޅެން ފެށީ 2014 ގައެވެ. އޭރު އޭނާގެ އުމުރަކީ އެންމެ 15 އަހަރެވެ. އޭގެފަހުން، މިހާތަނަށްއައިއިރު އޭނާ ވަނީ ގައުމީ ޓީމަށް ކުޅެދިން 61 މެޗުގައި ތިން ލަނޑުޖަހައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް