ފްރާންސް ލީގުގެ ސްޓޭޑް ރެނެސްގެ ކޯޗުގެ މަގާމަށް، ކުރީން ޗިލީ އަށް ކޯޗުކޮށްދީފައިވާ އާޖެންޓީނާގެ ޖޯޖް ސަމްޕައޮލީ ހަމަޖައްސައިފިއެވެ.
މިކަން ހާމަކޮށް ރެނިސް އިން ނެރުނު ބަޔާނުގައި ބުނީ އުމުރުން 64 އަހަރުގެ ސަމްޕައޮލީ، ރެނިސްގެ ކޯޗުކަމާ ހަވާލުވީ 2026 ވަނަ އަހަރުގެ ނިޔަލަށް ދެމިގެންދާ ކޮންޓްރެކްޓެއްގައި ކަމަށެވެ.
ރެނިސް އިން ނެރެމުންއައި ދަށް ނަތީޖާތަކުގެ ސަބަބުން ފްރާންސްގެ ކޯޗު، ހޫލިއަން ސްޓެފާން މަގާމުން ދުރުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމުން ލީގުގައި ކުޅުނު ފުރަތަމަ 10 މެޗުގެ ތެރެއިން މޮޅުވީ އެންމެ ތިން މެޗުންނެވެ.
މީގެކުރީން، އާޖެންޓީނާގެ ގައުމީ ޓީމަށާއި، ފްރާންސްގެ އޮލިމްޕިކް މާސޭގެ އިތުރުން ސެވިއްޔާ އަށް ކޯޗުކޮށްދީފައިވާ ސަމްޕައޮލީ ވަނީ 2012 އިން 2016 ގެ ނިޔަލަށް ޗިލީގެ ގައުމީ ޓީމަށް އިރުޝާދު ދީފައެވެ. މި މުއްދަތުގެ ތެރޭގައި އެ ޓީމާއެކު 2015 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ކާމިޔާބުކުރިއިރު، އެ އަހަރުގެ ދެކުނު އެމެރިކާގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދީ ވެސް އޭނާ އެވެ. ސަމްޕައޮލީ އެންމެ ފަހުން ކޯޗުކޮށްދީފައިވަނީ ބްރެޒިލްގެ ފްލަމެންގޯ އަށެވެ.
ސަމްޕައޮލީގެ އިރުޝާދުގެ ދަށުން ރެނެސް ކުޅޭ ފުރަތަމަ މެޗަކީ މި މަހުގެ 24 ވަނަ ދުވަހު ތާވަލްގެ ހަތަރެއްގައި އޮތް ލިއްލެއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗެވެ. މިވަގުތު ރެނެސް އޮތީ ލީގުގެ 13 ވަނައިގައެވެ. އެ ޓީމަށް 11 މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް