މީޑިއާ ބިލާ ގުޅިގެން ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައި އޮތް 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނު' ގެ ބިލާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލ...

14 Nov 2024 | 06:23

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައި އޮތް 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނު' ގެ ބިލާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅި އެ ކުއްލި މައްސަލަ ބަލަނުގަތުމަށް ނިންމައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ މީކާއިލް ހުށަހެޅުއްވި ކުއްލި މައްސަލަ ލިބިފައިވީ ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ކުއްލި މައްސަލައެއްގައި ހުންނަންވާނެ ކަމަށް ބަޔާންކުރާ ޝަރުތުތައް ފުރިހަމަ ނުވާތީ އެ މައްސަލަ އެ ޖަލްސާއަށް ހުށަހެޅެން ނެތް ކަމަށެވެ.

ކުއްލި މައްސަލާގެ ޝަރުތު ފުރިހަމަ ނުވާކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވީ މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގެ (އ) އަދި (މ) އެވެ. އެ މާއްދާގެ (އ) ގައި ބުނެފައިވަނީ ހުށަހެޅިފައިވާ ބިލެއް ނުވަތަ މައްސަލައެއްގައި ހިނގާނެ ބަހުސާގުޅޭ މައުލޫއަކަށް އޮތް މައްސަލައަކަށް ނުވުމެވެ. އަދި (މ) ގައި ބުނެފައިވަނީ ފަހުގެ ވަގުތެއްގައި މަޖިލީހުގައި ވާހަކަދައްކާނެ މައްސަލައަކާ ގުޅޭގޮތުން ދުރާލާ އެއްޗެއް ބުނުމުގެ ބޭނުމުގައި ހުށަހަޅާ ހުށަހެޅުމެއް ކަމުގައި ނުވުމެވެ.

މީކާއިލް ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވަނީ ނޫސްވެރިކަން ކުރުމާއި މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ހަބަރާއި މައުލޫމާތާއި ފެންނަ ގޮތްތަކާއި ހިޔާލުތައް ފާޅުކުރުމާއި ޝާއިއުކުރުމާއި މިނިވަންކަމާއެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތިން އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ހިޔާލުތައް ދުލާއި ގަލަމުން ފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނޫ އަސާސީއިން ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށެވެ.

އިއްޔެ ހުށަހެޅި ބިލަކީ ގާނޫނު އަސާސީއިންނާއި ގާނޫނުތަކުން ރައްޔިތުންނަށް ކަށަވަރުކޮށްދޭ މަދަނީ އަދި ސިޔާސީ ހައްގުތައް ހަނިކޮށް, ރައްޔިތުންގެ މިނިވަންކަން ނަގާލުމުގެ ނިޔަތުގައި ސަރުކާރަށް ލިބިފައިވާ ރައްޔިތުންގެ މަޖިލީހުގެ އައުލަބިއްޔަތުގެ ނާޖާއިޒް ބޭނުންކޮށްގެން ހިންގަމުންދާ ޖަރީމާތަކަށް އިތުރުވާ ބޮޅެއް ކަމަށް މީކާއިލްގެ މައްސަލާގައި ބުނެފައިވެ އެވެ.

މީކާއިލްގެ މައްސަލާގައި ވަނީ ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަމަށް އުނިކަން އަންނަ ގޮތަށް ސަރުކާރުން ކުރަމުންދާ ހުރިހާ ކަމެއް ކުށްވެރިކޮށްފަ އެވެ. އަދި މަޖިލިސް ބޭނުންކޮށްގެން މި ފަދަ ނާތަހުޒީބު ބިލުތައް ފާސްކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ސަރުކާރާއި މަޖިލީހަށް އޭނާ ވަނީ ގޮވާލާފައިވެ އެވެ.

މީޑިއާ ބިލް މަޖިލީހަށް ހުށަހަޅައިފައިވަނީ ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް