އުރީދޫ މޯލްޑިވްސް އާއި އެފްއެސްއެމް ގުޅިގެން މާލޭގައި ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑުތަކުން އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޕެޓްރޯލަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.
އުރީދޫއިން ބުނެފައިވާގޮތުގައި ޑިޖިޓަލް ޕޭމަންޓް ގެ ހިދުމަތް ތައާރަފް ކޮށްފައިވަނީ އިތުބާރު ހިފޭ، ފަސޭހަ އަދި ރައްކާތެރި ޕޭމަންޓް ސޮލިއުޝަނެއް ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ.
ޕެޓްރޯލް ޕަމްޕްތަކުގައި ބަހައްޓާފައިވާ އެމް-ފައިސާ ކިއުއާރު ކޯޑް ސްކޭންކޮށްލުމުން ފަސޭހަކަމާއެކު ފައިސާ ދެއްކާލެވޭނެއެވެ.
މި ހިދުމަތް ތައާރަފްކޮށްދެއްވީ އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް އާއި އުރީދޫ މޯލްޑިވްސް ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމާދީ މިއަދު ކާނިވާ ކުރިމަތީގައި ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމާދީ ވިދާޅުވީ އެފްއެސްއެމްއާ ގުޅިގެން މާލެ އާއި ހުޅުމާލޭގެ ޕެޓްރޯލް ޝެޑުތަކުން އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންޓެކްޓްލެސް، އަވަސް އަދި ރައްކާތެރިކަމާއެކު އެފްއެސްއެމްއަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މިއަދު އަޅުގަނޑުމެން މިއުޅެނީ އާއްމު ދިރިއުޅުމުގެ ގިނަ ކަންކަން ފަސޭހަކަމާއެކު ސްމާޓްފޯން މެދުވެރިކޮށް ކުރިއަށް ގެންދެވޭ ޒަމާނެއްގަ. އުރީދޫ އެމް-ފައިސާ ޑިޖިޓަލް ވޮލެޓުން ކަސްޓަމަރުންގެ މި ޑިޖިޓަލް ދިރިއުޅުން އިތުރަށް ފަހި ވެގެންދޭ. އެފް.އެސް.އެމް.އާ އެކު މި ވެވުނު ޕަރޓްނަރޝިޕަކީ ރައްޔިތުން އިތުރަށް ބާރުވެރިކުރުވައި، ޑިޖިޓަލް ފައިނޭންޝަލް ޚިދުމަތްތައް ރާއްޖޭގައި އިތުރަށް ކުރިއެރުވުމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް. މިފަދަ ޙިދުމަތްތަކާއެކު ރައްޔިތުންގެ ދިރިއުޅުން އިތުރަށް މުއްސަނދިވެ، ރާއްޖޭގެ ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމަށް މަގުފަހިވެގެންދާނެކަމީ ޔަގީން ކަމެއް. އަޅުގަނޑުމެންގެ މުޖުތަމައުތަކަށް މިފަދަ އީޖާދީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އުރީދޫ ދެމިއޮންނާނެކަމުގެ ޔަގީންކަން އަރުވަން." އޭނާ ވިދާޅުވިއެވެ.
އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ އެފްއެސްއެމްގެ ވިސްނުމަކީ ފިއުލް ޝެޑުތަކުން ކަސްޓަމަރުންނަށް އީޖާދީ އަވަސް އަދި ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށާއި އުރީދޫ މޯލްޑިވްސްގެ އެމް-ފައިސާގެ ހިދުމަތް މިއަދު ތައާރަފްކުރުމުން އެމް-ފައިސާގެ ހިދުމަތް ހޯދާ އަދި އެފްއެސްއެމް ފިއުލް ޝެޑްތައް ބޭނުންކުރާ ގިނަ ކަސްޓަމަރުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
"މިއަދު މާލެ އާއި ހުޅުމާލޭގައި ތައާރަފްކުރެވުނު މި ހިދުމަތް އުރީދޫ މޯލްޑިވްސްއާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ގދ.ތިނަދޫ، ގދ.ފުވައްމުލައް އަދި ސ.ގަމުގައި ބަހައްޓާފައިވާ ފިއުލް ޝެޑްތަކުގައި މި ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ." ގަސަމް ވިދާޅުވިއެވެ.
އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުމަށް ބީއެމްއެލް، އެސްބީއައި، އެމްއައިބީ އަދި އެމް-ފައިސާ އެޖެންޓުން މެދުވެރިކޮށް ކޭޝް އިން ކުރެވޭނެ އެވެ. ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރަޖިސްޓްރީވެ، ޔޫޓިލިޓީ ބިލް ދެއްކުމާއި، އެޕް އަދި ވައިބާ މެދުވެރިކޮށް ފައިސާ ޓްރާންސްފާ ކުރުން ފަދަ ހުރިހާ ހިދުމަތެއް ލިބިގަތުމުގެ އިތުރުން ޕާޓްނަރު މާޗަންޓުންނަށް ފައިސާ ދައްކާ ހާއްސަ އޮފާތައްވެސް ލިބިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް