ރެހެންދި ސްކޫލުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ސްކޫލުގެ ދަރިވަރުން ގެއަށް ފޮނުވާލައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން އެޑިއުކޭޝަނުން ބުނީ އަލިފާނުގެ ހާދިސާ ހިނގި އެ ވަގުތަކީ ދަރިވަރުން ސްކޫލަށް އަންނަމުންދިޔަ ވަގުތުކަމަށާއި ދަރިވަރުންގެ ސަލާމަތަށްތަކައި ދަރިވަރުން ފުރަތަމަ ތިރިއަށް ގެނެސް މިހާރު ގެއަށް ފޮނުވާލެވިފައިވާކަމަށެވެ.
"ހެނދުނު 06:30 ހާއިރު ހަތަރުވަނަ އަދި ފަސްވަނަ ފަންގިފިލާގެ ޕެނަލް ބޯޑުގައި އަލިފާނުގެ ހާދިސާ ހިނގީ" އެޑިއުކޭޝަނުން ބުނެފައިވެއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން އެ މިނިސްޓްރީން ބުނީ ކަރަންޓު އަދި ނެތަތީ ހެނދުނުގެ ދަންފަޅީގެ ކިޔެވުން އަދި ކުރިއަށް ނުގެންދާނެކަމަށެވެ. ކަރަންޓު ވީ އެންމެ އަވަހަކަށް ދެވޭތޯ މަސައްކަތް ކުރަމުން އަންނަކަމަށެވެ. ބެލެނިވެރިންނާއި މުއާމަލާތް ކުރެވެމުންދާނެކަމެވެ.
އެ މިނިސްޓްރީން ބުނެފައިވަނީ ދަރިވަރުންގެ ރައްކާތެރިކަމަކީ އެންމެ އިސްކަންދޭ ކަންތައްކަމަށާއި އެ ފްލޯތަކުގައި މިވަގުތު ކަރަންޓު ނެތްކަމަށެވެ. އަދި ސްޓެލްކޯއާއި ގުޅިގެން އެ ފްލޯތަކަށް ވީ އެންމެ އަވަހަށް ކަރަންޓު ދެވޭތޯ މަސައްކަތް ކުރަމުން އަންނަކަމުގައިވެސް އެޑިއުކޭޝަނުން ބުނެފައިވެއެވެ.
އަލިފާނުގެ މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުނެފައިވަނީ އެ ހާދިސާގައި އެއެވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށާއި 07:19 ހާއިރު އަލިފާން ނިއްވާލެވުނު ކަމަށެވެ.
ޕޮލިހުން ބުނެފައިވަނީ މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް