ސީޕީ މިވަގުތު ހުންނެވީ "އިންޑިއާ އައުޓް" ކެމްޕެއިނާ ގުޅޭ މަޝްވަރާތައް ކުރެއްވުމަށް އިންޑިއާގަ: އިދިކޮޅު

ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު މިވަގުތު ހުންނެވީ "އިންޑިއާ އައުޓް" ކެމްޕެއިނާ ގުޅޭ މަޝްވަރާތައް ކުރެއްވުމަށް އިންޑިއާގައި ކަަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ. އެ ކޯލިޝަނުން މިހެން ...

14 Nov 2021 | 08:43

ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު މިވަގުތު ހުންނެވީ "އިންޑިއާ އައުޓް" ކެމްޕެއިނާ ގުޅޭ މަޝްވަރާތައް ކުރެއްވުމަށް އިންޑިއާގައި ކަަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

އެ ކޯލިޝަނުން މިހެން ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހުކުމް ކުރެއްވި ތިން ފަނޑިޔާރަކު ދެއްކެވި ވާހަކަ ކަމަށް ބުނާ އޯޑިއޯތަކުގެ މައްސަލައިގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ފުލުހުންގެ މައި އިދާރާއަށް ހާޒިރުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ނެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އެ އިދާރާއަށް މއިަދު ހާޒިރުވީ ސީޕީ އާ ބައްދަލުކުރަން ސިޓީ ފޮނުވައިފައިވާނެ ކަމަށާއި ނަމަވެސް އެއަށް ޖަވާބެއް ނުލިބޭ ކަމަށެވެ.

" އެ ސިޓީ ފޮނުވިތާ ދެ ހަފްތާއެއްހާ ދުވަސް ވެއްޖެ. އެއަކަށް ޖަވާބެއް ނުލިބޭ. އޭގެ ފަހުން ވެސް އަނެއްކާ ސިޓީއެއް ފޮނުވައިގެން އެއަށް ޖަވާބު ނުލިބުނީމަ އިއްޔެގަ ސިޓީއެއް ފޮނުވާފަ، މިއަދު މިއައީ. އައިސްފަ އަޅުގަނޑުމެންނަށް މިއަދު ސީޕީއާ ބައްދަލުކުރެވޭ ގޮތެއް ނުވި،" އަދުރޭ ވިދާޅުވި އެވެ.

އޯޑިއޯ މައްސަލައިގެ ހަގީގަތް އަދިވެސް ހޯދިފައި ނުވާތީ އެ މައްސަލައިގެ ތަހުގީގު މިހާރު އޮތް ހިސާބެއް އޮޅުން ފިލުވަން ފުލުހުންގެ މައި އިދާރާއަށް ހާޒިރުވި ނަމަވެސް ސީޕީ ހަމީދާއި ރަށުގައި ނޫޅުއްވާތީ މިއަދުވަނީ ސީޕީއާ ބައްދަލުކުރެވޭގޮތް ނުވެފަ އެވެ.

އަދުރޭ އިތުރަށް ވިދާޅުވީ އެ މަޝްވަރާތަކަށް އިންޑިއާއަށް ވަޑައިގެންނެވި ނަމަވެސް، ރައީސް ޔާމީންގެ ޝަރީއަތްތައް ހިނގަންވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އޭނާ ވަނީ ފަނޑިޔާރުންގެ އޯޑިއޯ މައްސަލައިގައި ޖޭއެސްސީން ކުރި ތަހުގީގަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން އެއް ފަނޑިޔާރުގެ އަޑު ކަށަވަރުވެފައި، ދެން ތިބި ދެ ފަނޑިޔާރުންގެ އަޑު ކަށަވަރު ނުވާ ކަމަށް ބުނީ ކޮން ގޮތަކުން ބަލައިގެން ކަމަށް ބުނަން ނޭނގޭ ކަމަށް އަދުރޭ ވަނީ ވިދާޅުވެފަ އެވެ.

ޖޭއެސްސީން އޯޑިއޯ އެނަލިސިސްގައި ކަނޑައަޅާފައިވަނީ ލީކުވި އޯޑިއޯތަކުގެ އަޑާ ދިމާވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އަޑު އެކަނި ކަމަށެވެ. އެއާއެކު ގާޒީ ފާއިޒް ރަޝާދު މިވަގުތު ހުރީ ސަސްޕެންޑުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް