މިދިޔަ އަހަރާ އަޅާ ބަލާ އިރު، މިއަހަަރު އޮކްޓޯބަރު މަހު އިމްޕޯޓުކުރި މުދާ 90 ޕަސެންޓް އިތުރު ވެއްޖެ އެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފައިބެއަހަރު 2 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވާއިރު، މިއަހަރު އެތެރެކޮށްފައިވަނީ 3.8 ބިލިއަންގެ މުދަލެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު 90 ޕަސެންޓް އިތުރު އަދަދެކެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ދިވެހިރާއްޖެއަށް އެތެރެ ކުރާ މުދަލަށް އައި ހީނަރުކަމަށް ފަހު، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު 3.7 ބިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ.
ފާއިތުވި އޮކްޓޯބަރު މަހު ދައުލަތަށް ލިބުނު އާމްދަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު، 31 ޕަސެންޓް ދަަށަށް ގޮސްފައިވާ އިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު 424 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފަ އެވެ. މިއަހަރުގެ އޮކްޓޯބަރު މަހު ބިފައިވަނީ 294 މިލިއަން ރުފިޔާ އެވެ.
މި ދެ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް އެތެރެކުރި މުދަލާއި ބޭރުކުރި މުދަލަށް ބަލާއިރު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު 309 މިލިއަން ރުފިޔާގެ މުދާ ވަނީ ރާއްޖެއިން ބޭރުކޮށްފަ އެވެ. އަދި މިއަހަރު މި އަދަދު ވަނީ 252 މިލިއަން ރުފިޔާއަށް ދަށަށް ގޮސްފަ އެވެ. އެހެންނަމަވެސް މިދިޔަ އަހަރާ އަޅާބަލާ މިއަހަަރު އޮކޯބަރު މަހު ވަނީ އެތެރެކުރި މުދަލުގެ އަގު މައްޗަށް ގޮސްފަ އެވެ.
ފާއިތުވި އޮކްޓޯބަރު މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާން، އިންޑިއާ، ޔޫއޭއީ އަދި ޗައިނާ އިން ނެވެ.
އެގައުމުތަކުގެ ތެރެއިން އޮމާން އިން 512 މިލިއަން ރުފިޔާގެ މުދާ، އިންޑިއާއިން 490 މިލިއަން ރުފިޔާގެ އެތެރެކޮށްފައި ވެއެވެ. އަދި ޔޫއޭއީއިން 438 މިލިއަން ރުފިޔާގެ މުދާ، ޗައިނާ އިން 437 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެެރެކޮށްފަ އެވެ.
މިދިޔަ އޮކްޓޯބަރު މަހު އެންމެ ގިނަ މުދާ ރާއްޖެއިން ބޭރުކުރީ ތައިލޭންޑް، ޖަރުމަން، ފްރާންސް، ޔޫކޭ، ނެދަލޭންޑަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް