ކޯވިޑް-19 ފެތުރޭތީ މިއަދު ހަތް ރަށެއް ބަންދުކޮށްފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު މޮނިޓަރިންގެ ހާލަތަށް ގެނައީ ރ. އަލިފުށި، ނ. ކުޑަފަރީ، ވެލިދޫ، ގއ. މާމެންދޫ، ދ. މާއެނބޫދޫ، ގދ. ފަރެސްމާތޮޑާ އަދި ފ. ބިލެއްދޫ ކަމަށެވެ. މި ރަށްތައް މޮނިޓަރިންގައި އޮންނަ ދުޗަސްތަކުގައި އެޗްޕީއޭގެ ހުއްދަނެތި އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.
އެޗްޕީއޭއިން ބުނީ އެ ރަށްތަކުގެ ކޯވިޑް ކޭސްތަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިހާރު މޮނިޓަރިންގައި އޮތް ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވީ އައްޑޫ ސިޓީ އެވެ. އެ ސިޓީގެ ގުޅިފައިވާ ރަށްތަށް މިދިޔަ އޮގަސްޓު28 ވަނަ ދުވަހު މޮނިޓަރިންއަށްލީއިރު ސެޕްޓެމްބަރު ހަތަރު ވަނަ ދުވަހު ހުޅުމީދޫ ވަނީ މޮނިޓަރިންއަށް ލާފަ އެވެ.
އަޮޅުތެރޭގެ ކޯވިޑް ހާލަތު ގޯސްވެ ގިނަ އަދަދެއްގެ ބަޔަކު ޕޮސިޓިވްވާތާ މިހާރު ދެމަހެއްހާ ދުވަސް ވެއްޖެ އެވެ. މިފަހުން ކޯވިޑްގައި މަރުވާ ގިނަ މީހުންނަކީވެސް އަތޮޅުތެރެއިން ބަލި ޖެހޭ މީހުންނެވެ.
ރާއްޖެ އިން ކޯވިޑަށް ޕޮސިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު 89،713 އަށް ވަނީ އަރާފައެވެ. އޭގެތެރެއިން 87،225 މީހުން ވަނީ ކޯވިޑުން ރަނގަޅު ވެފައެވެ.
މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 2،228 އަށް އަރައެވެ. ކޯވިޑް ޖެހިގެން ރާއްޖެ އިން މިހާތަނަށް 247 މީހުން ވަނީ މަރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް