"ގޯލް 50" އެވޯޑް ރޮނާލްޑޯ އަށް!

"ގޯލް 50" އެވޯޑް ޖެހިޖެހިގެން ދެ ވަނަ އަހަރު ހޯދައި، ފަހެއް ހަމަކޮށް، ރެއަލް މެޑްރިޑްގެ ތަރި ރޮނާލްޑޯ މެސީއަށްވުރެ ކުރިއަށް ޖެހިލައިފިއެވެ. "ގޯލް 50" އެވޯޑަކީ ކަލަންޑަރު އަހަރެއްގެ ތެރޭގައި ރަނގަޅު އެ...

14 Nov 2017 | 15:23

"ގޯލް 50" އެވޯޑް ޖެހިޖެހިގެން ދެ ވަނަ އަހަރު ހޯދައި، ފަހެއް ހަމަކޮށް، ރެއަލް މެޑްރިޑްގެ ތަރި ރޮނާލްޑޯ މެސީއަށްވުރެ ކުރިއަށް ޖެހިލައިފިއެވެ.

"ގޯލް 50" އެވޯޑަކީ ކަލަންޑަރު އަހަރެއްގެ ތެރޭގައި ރަނގަޅު އެއް މިންގަނޑެއްގައި ކުޅުން ހިފެހެއްޓޭ މިންވަރާއި، ބޮޑެތި، މުހިންމު މެޗުތަކުގައި ދައްކާ ކުޅުމާއި، އެ ކުޅުންތެރިއަކު ކުޅޭ ކްލަބާއި ޤައުމަށް ހޯދައިދޭ ކާމިޔާބީގެ މައްޗަށް ބަލާ، ގޯލް ނޫހުގެ 37 އެޑިޝަނެއްގެ ޗީފް އެޑިޓަރުންނާއި، ކޮރެސްޕޮންޑެންޓުން ވޯޓު ދީގެން އެންމެ މޮޅު 50 ކުޅުންތެރި ހޮވުމަށް ދޭ އެވޯޑެކެވެ.

މި އަހަރުގެ ގަދަ 50 ގެ އެއް ވަނަ ރޮނާލްޑޯ ހޯދިއިރު، އޭނާ ވަނީ ރެއަލް މެޑްރިޑާއެކު މި އަހަރު ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ކާމިޔާބު ކޮށްފައެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ލެގުގައި ބަޔާން މިއުނިކް ކޮޅަށް ރޮނާލްޑޯ ޖުމްލަ 5 ލަނޑު ކާމިޔާބު ކުރިއެވެ. އެއަށްފަހު ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑް ކޮޅަށް ރޮނާލްޑޯ ހެޓްރިކެއް ހެދިއިރު، އޭނާ ވަނީ ފައިނަލް މެޗުގައި ޔުވެންޓަސް ކޮޅަށް ދެ ލަނޑު ޖަހާފައެވެ. އަދި ސްޕެނިޝް ލީގުގައި ކުޅުނު 29 މެޗުން 25 ލަނޑު ކާމިޔާބު ކުރިއެވެ.

ރޮނާލްޑޯގެ ފަހަތުން ދެ ވަނަ ހޯދީ އިޓަލީގެ ގައުމީ ޓީމަށް މިއަދު ކުޅުން ހުއްޓާލި، ޔުވެންޓަސްގެ ހުށިޔާރު ގޯލްކީޕަރ ޖިއަންލުއިޖީ ބުފޮން އެވެ. ޔުވެންޓަސްއަށް އިޓާލިއަން ލީގު ކާމިޔާބު ކޮށްދީ، ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންދިއުމުގައި ބުފޮން މުހިންމު ދައުރެއް އަދާކުރިއެވެ. މި އެވޯޑުގައި މީގެ ކުރިން 16 ވަނައަށްވުރެ މަތިން ކުރި ހޯދިފައި ނުވާ ބުފޮން ވަނީ ޗެމްޕިއަންސް ލީގުގައި ބައިކޮޅަށް ލަނޑެއް ވަނަ ނުދީ 600 މިނިޓު ހަމަކޮށްފައެވެ.

މިއަހަރު "ގޯލް 50" އެވޯޑުގެ ތިން ވަނަ ހޯދީ ރެއަލް މެޑްރިޑްގެ މެދުތެރެއަށް ކުޅޭ ލޫކާ މޮޑްރިޗެވެ. ރެއަލް މެޑްރިޑުން މިއަހަރުގެ ތެރޭގައި ހޯދި ކާމިޔާބީތަކުގައި ޓީމުގެ މެދުތެރެއިން ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެ، ނުރައްކާތެރި ހަމަލާތައް އުފައްދައިދިން މޮޑްރިޗް މުހިންމު ދައުރެއް އަދާކުރިއެވެ.

ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ، ބާސެލޯނާގެ ތަރި ލިއޮނަލް މެސީއަށް މި އަހަރު "ގޯލް 50" އިން ލިބުނީ ހަތަރު ވަނައެވެ. މިއީ މެސީ މި އެވޯޑްގައި ޖެހިޖެހިގެން 4 ވަނައިގައި ނިންމާލި 2 ވަނަ އަހަރެވެ. އަދި ގަދަ ތިނަކުން ބޭރުގައި ނިންމާލި ހަމައެކަނި ދެ އަހަރަކީވެސް މިއީއެވެ.

"ގޯލް 50" ގެ ފަސް ވަނަ މަގާމުގައި މި ފަހަރު ހިމަނާފައިވަނީ ރެއަލް މެޑްރިޑްގެ ޑިފެންޑަރ ސާޖިއޯ ރާމޯސްއެވެ. މިއީ މި އެވޯޑުގައި މިއަހަރު އެންމެ މަތީ ދަރަޖައެއް ހޯދި ޑިފެންޑަރެވެ. ރެއަލްއިން ހޯދި ކާމިޔާބުތަކުގައި އެ ޓީމުގެ ޑިފެންސްގައި މުހިންމު ދައުރެއް ރާމޯސް އަދާކުރިއިރު އޭނާ ވަނީ 10 ލަނޑުވެސް ކާމިޔާބު ކޮށްދީފައެވެ.

ބާސެލޯނާއިން ޕީއެސްޖީއަށް ރެކޯޑް ފީއަކަށް ބަދަލުވި ދުނިޔޭގެ އެންމެ އަގު ބޮޑު ކުޅުންތެރިޔާ ނޭމާއަށް 6 ވަނަ ލިބުނުއިރު، 7 ވަނަ ލިބުނީ ހަމަ ރެކޯޑް އަގަކަށް މޮނާކޯއިން ޕީއެސްޖީއަށް ބަދަލުވި، މިހާރު ނޭމާގެ ޓީމް މޭޓް އެމްބާޕޭއެވެ.

ވޭތުވެ ދިޔަ ދެ އަހަރު ތަފާތު ދެ ޓީމަކާއެކު އިނގިރޭސި ޕްރިމިއަ ލީގު ކާމިޔާބު ކުރި ހުނަރުވެރި މިޑްފީލްޑަރ އެންގޯލޯ ކާންޓޭއަށް އަށް ވަނަ ލިބުނުއިރު، ޔުވެންޓަސްގެ ފޯވާޑް ޕައުލޯ ޑައިބަލާއަށް އުޅެނީ 9 ވަނައިގައެވެ. ޔުވެންޓަސް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންދިއުމުގައި މުހިންމު ދައުރެއް އަދާކުރިއިރު އޭނާ ވަނީ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ބާސާކޮޅަށް ދެ ލަނޑު ޖަހާފައެވެ.

"ގޯލް 50" ގެ ގަދަ 10 ނިމެނީ ޓޯނީ ކްރޫސްގެ ނަމުންނެވެ. މެޑްރިޑްގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާ ކުރަމުން އަންނަ ޖަރުމަނު ތަރި ޓޯނީ ކްރޫސް އަކީ މި ލިސްޓުގެ ގަދަ ދިހައެއްގައި ހިމެނޭ ރެއަލް މެޑްރިޑްގެ 4 ވަނަ ކުޅުންތެރިޔާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް