ބޭރު ގައުމުތަކުން ރާއްޖެއަށް ފަތްކެޔޮ އެތެރެކުރާއިރު ކެޔޮފަތް އޮޅައިގެން ރާއްޖެ އެތެރެކުރުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން މަނާކޮށްފި އެވެ.
މިކަން މަނާކޮށްފައިވާކަން ހާމަކޮށްފައިވަނީ މިކަމާއި ބެހޭގޮތުން އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގަ އެވެ.
އެ އިއުލާނުގައި ފިޝަރީސް މިނިސްޓްރީން ބުނެފައިވަނީ ދިވެހިރާއްޖެއަށް ފަތްކެޔޮ އެތެރެކުރާ ފަރާތްތަކުން ފައިޓޯސެނިޓަރީ މިންގަނޑުތަކަށް ބެލުމެއްނެތި ރާއްޖެއަށް ފަތްކެޔޮ އެތެރެކުރާކަންވަނީ ފާހަގަކުރެވިފައި ކަމަށެވެ.
"މިގޮތުން ފަތްކެޔޮގަނޑު ބަންދުކުރަން ބޭނުންކުރާ ޕެކިންއެއްގެ ގޮތުގައި ކެޔޮގަނޑުގެ ބޭރުގައި، ގިނައަދަދަކަށް ކެޔޮފަތް އޮޅައިގެން އެތެރެކުރުން ދަނީ އިތުރުވަމުންނެވެ. މިގޮތަށް މިކަންކުރުމުން، ފަތާއި ދަޅިފަދަ ތަކެއްޗާއެކު ފަތްކޭލަށްޖެހޭ ނުރައްކާތެރި ބަލިތައް ދިވެހިރާއްޖެއަށް އެތެރެވެ، އެބަލިތައް ރާއްޖޭގެ ފަތްކެޔޮގަސްތަކަށް ފެތުރި، ފަތްކެޔޮ ހައްދާ ފަރާތްތަކަށް ބޮޑެތި ގެއްލުން ލިބުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިދުވަސްކޮޅަކީ، ފަތްކޭލަށްޖެހޭ ނުރައްކާތެރި ބަލިތައް ދުނިޔޭގައި ފެތުރެމުންދާ ދުވަސްވަރަކަށް ވުމުން އެއްޤައުމުން އަނެއް ޤައުމަށް ފަތްކެޔޮ އެތެރެކުރުމުގައި ސަމާލުވުމަށް ދުނިޔޭގެ ކާނާއާއި ދަނޑުވެރިކަމާއި ބެހޭ ޖަމިއްޔާއާއި (އެފް.އޭ.އޯ) އަދި ފަތްކޭލުގެ ދިރާސާކުރާ ޖަމިއްޔާތަކުންވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ބަލިތަކުގެ ސަބަބުން ރާއްޖޭގައި އެންމެ ގިނަ ޢަދަދަކަށް ހައްދާ ފަތްކޭލުގެ ބާވަތެއްކަމުގައިވާ ކެވެންޑިޝް ވެރައިޓީ ނެތިގެން ހިނގައިދާނެކަމުގެ އިންޒާރުވެސް ދުނިޔޭގެ ފަތްކެޔޮ ދިރާސާކުރާ ޖަމިއްޔާތަކުން ވަނީ ނެރެފައެވެ. " މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެ އެވެ.
އެ އިއުލާނުގައި ބުނެފައިވަނީ ކެޔޮގަނޑުގެ ބޭރުގައި މިގޮތަށް ކެޔޮފަތް އޮޅައިގެން ޓްރޭޑްކުރުމަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ޢަމަލުކުރަމުންދާ އިންޓަނޭޝަނަލް ޕްލާންޓް ޕްރޮޓެކްޝަން ކޮންވެންޝަންއާއި ކޮޑެކްސްއާއި އިންޓަނޭޝަނަލް ސްޓޭންޑަޑް ފޯރ ފައިޓޯސެނިޓަރީ މެޝަރސްއާވެސް ޚިލާފުކަމެއް ކަމަށެވެ.
އިއުލާނުގައި އިތުރަށް ބުނެފައިވަނީ ޤާނޫނު ނަންބަރު: 2011/12 (ގަސްގަހާގެހި ޙިމާޔަތްކުރުމުގެ ޤާނޫނު)ގެ 20 ވަނަ މާއްދާގެ (ހ) ގެ (2) އަދި (6) ވަނަ ނަންބަރަށް ޙަވާލާދީ، އެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ)ގެ ދަށުން، އިސްވެ ދެންނެވުނުފަދަ ބަލިތައް އެތެރެވުމާއި ފެތުރުން ހުއްޓުވުމަށްޓަކައި ބޭނުންވާ ފިޔަވަޅުތައް އެޅުމުގެ ގޮތުން ފަތްކެޔޮގަނޑުގައި ކެޔޮފަތް ނުވަތަ ގަހުގެ އެއްވެސް ބާވަތެއް ނުވަތަ ބައެއް އޮޅައިގެން ޕެކްކޮށްގެން ރާއްޖެ އެތެރެކުރުމަކީ މަނާކަމެއް ކަމުގައި ދަންނަވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް