ރާއްޖޭގެ ސްކޫލުތަކުގައި ލެކްޗަރ ދިނުން ޕްރޮފެސަރު އެގެއިލް އަށް މަނާކޮށްފި

އިނގިރޭސި ވިލާތުގެ ބްރެޑްފާޑް ޔުނިވާސިޓީގައި ވިޝުއަލް ކޮމްޕިއުޓިންގެ ދާއިރާ އިން ސިނިއާ ޕްރޮފެސަރެއްގެ މަގާމު ފުރުއްވަމުން ގެންދަވާ ޕްރޮފެސަރު ހަސަން އުގައިލް ރާއްޖޭގޭ ސްކޫލުތަކުގައި ލެކްޗަރު ދިނުން ސ...

14 Nov 2017 | 05:22

އިނގިރޭސި ވިލާތުގެ ބްރެޑްފާޑް ޔުނިވާސިޓީގައި ވިޝުއަލް ކޮމްޕިއުޓިންގެ ދާއިރާ އިން ސިނިއާ ޕްރޮފެސަރެއްގެ މަގާމު ފުރުއްވަމުން ގެންދަވާ ޕްރޮފެސަރު ހަސަން އުގައިލް ރާއްޖޭގޭ ސްކޫލުތަކުގައި ލެކްޗަރު ދިނުން ސަރުކާރުން މަނާކޮށްފި އެވެ.

މި ހަބަރު އެންމެ ފުރަތަމަ މިހާރު ނޫހުގައި ޝާއިޢު ކޮށްފައިވާއިރު އެ ނޫހުގައި ބުނެފައިވަނީ އެ ނޫހަށް އެނގިފައިވާގޮތުގައި އުގައިލް މެދުވެރިކޮށް ސްކޫލްތަކުގައި އެފަދަ ޕްރޮގްރާމްތައް ނުހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ސްކޫލްތަކަށް އަންގާފަ އެވެ. ނަމަވެސް އެކަން މަނާ ކުރި ވަކި ސަބަބެއް ހާމަ ނުކުރާކަމަށް ބުނެފައި ވެ އެވެ.

މިކަން އުގެއިލް އަށް މަނާކޮށްފައިވާއިރު އުގައިލް އަންނަނީ ދޭތެރެދޭތެރެ އިން ރާއްޖެ ވަޑައިގެން ސުކޫލުތަކަށާއި ރަށްތަކަށް ޒިޔާރަތް ކުރައްވައި ސައިންސާއި އާންމު ދިރިއުޅުމާ ގުޅޭ ގޮތުން ތަފްސީލީ މައުލޫމާތުތަކެއް ދެއްވަމުންނެވެ. އެކަމަށް ދަރިވަރުންގެ ފަރާތުން ބޮޑު ތާއީދެއް އަންނަނީ ލިބެމުންނެވެ.

"އަޅުގަނޑަށް ބޮޑަށް ލަފާ ކުރެވެނީ މިނިސްޓްރީގެ ބޭރުން އަންނަ ޕުރެޝަރެއްހެން. އުގައިލް ރަށްތަކަށް އައީމަ ވަރަށް ބޮޑު ތާއީދެއް އޮވޭ. އެހެންވީމަ އެކަން އެހެން ގޮތަކަށް މާނަ ކުރަނީހެން ހީވަނީ،" އިތުބާރުހިފޭ މަސްދަރަކަށް ކުއޯޓްކޮށް މިހާރު ނޫހުގައި ބުނެފައި ވެ އެވެ.

މިކަމާއި ގުޅިގެން މިހާރަށް މައުލޫމާތު ދެއްވަމުން އުގައިލް ވިދާޅުވެފައިވަނީ އެކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެކަމާ ވަރަށް ހިތާމަ ކުރައްވާ ކަމަށެވެ.

އެކަން ކުރަނީ ލިބިފައި ހުރި ތައުލީމެއްގެ އަލީގައި ދިވެހި ރައްޔިތުންނަށް އެއްޗެއް ބުނެދިނުމަށް ކަމަށާއި އެހެންކަމުން އެ ނިންމުމާއި ގުޅިގެން ވަރަށް ހިތާމަކުރައްވާ ކަމަށް އުގައިލް ވިދާޅުވެފައި ވެ އެވެ.

ރާއްޖޭގެ ސްކޫލުތަކުގައި ލެކްޗަރު ދިނުން އުގައިލް އަށް މަނާކޮށްފައިވާއިރު މި އަހަރުގެ މޭ މަހުގެ ތެރޭގައި ސަރުކާރުން ވަނީ ކަނޑުގެ ދިރުންތަކާ ބެހޭ ދިރާސާތައް ކުރަން ކޮރަލިއަން ލެބްގެ ނަމުގައި ޅ. ވައްވަރުގައި، ޕްރޮފެސަރު ހަސަން އުގައިލް ހިންގަވަމުން އައި މަރުކަޒު ހުއްޓާލައި އެ ރަށް ސަރުކާރާ ހަވާލުކުރަން އަންގާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް