ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތްކަމަށްވާ "ފީފާ ވޯލްޑް ކަޕް" ހަތަރު ފަހަރު ކާމިޔާބު ކޮށްފައިވާ، ޔޫރަޕްގެ ގަދަ ބާރެއް ކަމަށްވާ އިޓަލީއަށް އަންނަ އަހަރު ރަޝިޔާގައި އޮންނަ ވޯލްޑް ކަޕުން ފުރުސަތު ގެއްލިއްޖެއެވެ.
ޔޫރަޕުގެ ކޮލިފައިންގައި ގްރޫޕްގެ އެއް ވަނަ ނުލިބި ޕްލޭއޮފްއަށް ދާން ޖެހުނު އިރު، ޕްލޭއޮފްގެ ފުރަތަމަ ލެގުގައި ސްވިޑަން އަތުން އެ ގައުމުގައި 1-0 އިން ބަލިވެފައި އޮތް އިޓަލީއަށް ރޭގެ މެޗުގައި ވަނީ ނަތީޖާ ބަދަލުކޮށް ނުލެވިފައެވެ. އިޓަލީގައި ރޭ ކުޅުނު މެޗުގައި ލަނޑެއް ނުޖެހި އެއްވަރުވެގެން މެޗު ނިމި، އިޓަލީ ވޯލްޑްކަޕަށް ކޮލިފައި ނުވިއިރު، މިއީ ވޭތުވެދިޔަ 60 އަހަރު ތެރޭގައި އިޓަލީއަށް ވޯލްޑް ކަޕުން ޖާގަ ގެއްލުނު ފުރަތަމަ ފަހަރެވެ. އިޓަލީއަށް ވޯލްޑް ކަޕްގެ ޖާގައެއް އެންމެ ފަހުން ގެއްލުނީ 1958 ވަނަ އަހަރުގައެވެ.
ދުނިޔޭގެ މަޝްހޫރު އެތައް ކުޅުންތެރިންނަކާއެކު އޮތް އިޓަލީއަށް ވޯލްޑް ކަޕުން ޖާގަ ނުލިބި، އިޓަލީ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް ހާސް ސަޕޯޓަރުންނެއް އަދި ފުޓްބޯޅައަށް ލޯބި ކުރާ އެތައް ބައެއްގެ ހިތްތައް ރޮއްވާލިއިރު، އެންމެ ބޮޑު ހިތާމައެއް ކުރިމަތިވި އެކަކީ އިޓަލީގެ ގޯލްކީޕަރ ޖިއަންލުއިޖީ ބުފޮންއެވެ. އެތައް ބައެއްގެ ލޯބި ލިބިފައިވާ ހުނަރުވެރި ބުފޮން ރިޓަޔާ ކުރަން ނިންމާފައިވަނިކޮށް އިޓަލީއަށް ވޯލްޑްކަޕްގެ ޖާގަ ގެއްލުމާއެކު ދިން އިންޓަވިއުގައި ބުފޮން ވަނީ އެތައް ފަހަރަކު ގިސްލާ ރޮއެފައެވެ.
އިޓަލީއަށް މި ކުރިމަތިވި ބޮޑު ނާކާމިބާއެކު އެ ޓީމުގެ ކޯޗު ޖިއަމްޕިއޭރޯ ވެންޗޫރާ އިސްތިއުފާ ދިނުމަށް ނިންމާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ކްލަބް ލެވެލްގައިވެސް މާބޮޑު ކާމިޔާބީއެއް ހޯދިފައިނުވާ ވެންޗޫރާ އިޓަލީގެ ކޯޗު ކަމާ ހަވާލު ވުމާއެކުވެސް ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއިރު، ރޭގެ މެޗަށް ފަހު އިޓަލީގެ ސަޕޯޓަރުންވަނީ ވެންޗޫރާ އާއި އިޓަލީ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޓަވެޗިއޯގެ އިސްތިއުފާއަށް ގޮވާފައެވެ.
ރޭގެ މެޗުގައި އިޓަލީން މެޗު އެއްކޮށް ކޮންޓްރޯލް ކޮށްގެން ކުޅެ ގިނަ ހަމަލާތަކެއް އުފެއްދިއިރު، ސްވިޑަންގެ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު ގިނަ ހަމަލާތައް ދިފާއު ކޮށްފައެވެ. އަދި ސްވިޑަންގެ ޑިފެންސް ފޫއަޅުވާލާ ގޯލެއް ކާމިޔާބު ކުރުމަށް އިޓަލީން ކުރި ހުރިހާ މަސައްކަތެއްވެސް ވީ ބޭކާރެވެ. މި ނަތީޖާއާއެކު ސްވިޑަން ވޯލްޑްކަޕުގެ ޖާގައެއް ކަށަވަރު ކުރިއިރު، މިއީ 2006 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ފަހުން ސްވިޑަން ވޯލްޑްކަޕްގައި ފެންނާނެ ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް