މިޔަންމާގެ ރާހިން ސްޓޭޓްގައި ދިރިއުޅެމުންދިޔަ އެތައް ލައްކަ މުސްލިމުންނެއް ފުރާނައިގެ ސަލާމަތް ހޯދުމަށް އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަކޮށްފައިވާއިރު އެ މުސްލިމުންގެ ތެރޭގައި ތިބި ކުޑަކުދިން ލައްވާ ބަންގްލަދޭޝްގެ ބައެއް ވިޔަފާރިވެރިން އަޅު މަސައްކަތް ކުރުވާ ކަމަށާއި އަންހެން ކުދިންގެ އިއްފަތް ފޭރިގަނެ އަނިޔާ ކުރަމުން އަންނަ ކަމުގެ ހެކިތަކެއް ލިބިފައިވާކަމަށް ބައިނަލް އަގްވާމީ މައިގްރޭޝަން ޖަމިއްޔާއިން ބުނެފި އެވެ.
އެ ޖަމިއްޔާއިން މިހެން ބުނެފައިވާއިރު ބީބީސީ ފަދަ ބޮޑެތި ބައެއް މީޑިއާތަކުން ވަނީ މިފަދަ ބައެއް ކަންކަމުގެ ހަގީގަތްވެސް ހޯދާފަ އެވެ. އެގޮތުން ބައެއް ކުދިން ލައްވާ މަހެއްހާ ދުވަހު ތަފާތު އެކި މަސައްކަތް ކުރުވާފައި 10 ވަރަކަށް ޑޮލަރުގެ އުޖޫރައެއް ދޭ ކަމާއި ވަޒީފާއަށް ކަމަށްބުނެ އަންހެން ކުދިން ގެންގޮސް އެ ކުދިން ރޭޕް ކުރުމާއި ޖިސްމާނީ އަނިޔާތައް ކުރަމުން އަންނަ ކަމުގެ ހެކި ބައެއް މީޑީއާތަކުން ހޯދާފައި ވެ އެވެ.
ބަންގްލަދޭޝް އިން ހާމަކޮށްފައިވާގޮތުގައި ރޮހިންގާ މުސްލިމުން ތިބި ސަރަހައްދުގެ ވަށައިގެން ސެކިއުރިޓީ ޗެކް ޕޯސްޓްތައް ވަނީ ގާއިމް ކުރެވިފަ އެވެ. އަދި ރޮހިންގާ މުސްލިމުން ލައްވާ އަޅު މަސައްކަތްކުރުވާކަން އެނގިއްޖެ ނަމަ ހަރުކަށި އަދަބު ދޭނެ ކަމުގައިވެސް ބަންގްލަދޭޝް އިން ވަނީ ބުނެފަ އެވެ.
އދ އިން ހާމަކޮށްފައިވާގޮތުގައި ބަންގްލަދޭޝްގައި ރެފިއުޖީންގެ ގޮތުގައި މިހާރު ތިބި މީހުންގެ ތެރެއިން ހަތަރު ލައްކައަށްވުރެ ގިނަ އަދަދަކީ ކުޑަކުދިންނެވެ. އެއީ ރެފިއުޖީންގެ ނިސްބަތުން ނަމަ 55 އިންސައްތަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް