ވޭޕް މަނާކުރުމަށް ރައީސް ނިންމެވި ނިންމެވުމަށް އެންމެން އެއްބާރުލުން ދިނުމަށް ޕީއެންސީން އިލްތިމާސްކޮށްފި

ވޭޕާއި އެއާއި ގުޅުންހުރި ތަކެތި ރާއްޖޭގައި މަނާކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުން ތަންފީޒުކުރުމުގައި އެންމެން އެއްބާރުލުން ދިނުމަށް ވެރިކަންކުރާ ޕާޓީ، ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސް (ޕީ...

14 Oct 2024 | 18:09

ވޭޕާއި އެއާއި ގުޅުންހުރި ތަކެތި ރާއްޖޭގައި މަނާކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުން ތަންފީޒުކުރުމުގައި އެންމެން އެއްބާރުލުން ދިނުމަށް ވެރިކަންކުރާ ޕާޓީ، ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އިލްތިމާސްކޮށްފިއެވެ.

އެ ޕާޓީން މިކަމަށް އިލްތިމާސްކޮށްފައިވަނީ ކުޑަކުދިންނާއި ޒުވާނުންނަށް އެތައް ގެއްލުމެއް ލިބޭ ވޭޕުގެ ބާވަތްތައް މަނާކުރައްވަން ނިންމެވީތީ ރައީސަށް ޝުކުރު ދަންނަވައި އެ ޕާޓިން މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ.

ޕީއެންސީގެ އެ ނޫސްބަޔާނުގައި ބުނެފައިވަނީ ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި މަސްތުވާތަކެތި ފެތުރުމަށް މިހާރަކަށް އައިސް ބޭނުންކުރަމުންދާ ވޭޕާއި އެއާ ގުޅުންހުރި އެކި ބައިތަކާއި ބާވަތްތަކުގެ ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުމާއި އޭގެ ވިޔަފާރި ކުރުން މަނާކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީތީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ނަމުގައި އެމަނިކުފާނަށް ޝުކުރު އަރިސްކުރުމާއެކު މަރުހަބާ ދަންނަވާކަމަށެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހެދިފައިވާ ގިނަ ދިރާސާތަކުން ސާބިތުވާ ގޮތުގައި ވޭޕަކީ ދުންފަތުގެ އެހެނިހެން ބާވަތްތަކަށްވުރެ ނުރައްކާތެރި ގެއްލުންބޮޑު އެއްޗެހިތަކެކެވެ. އޭގެ ސަބަބުން ޒުވާނުންގެ ފުއްޕާމޭގައި ފެން އުފެދި ލިބޭ ގެއްލުންތަކުގައި ގިނަ އަދަދެއްގެ ޒުވާނުންގެ ފުރާނައަށް ނުރައްކާވާކަމީ މިހާރު ރެކޯޑުކުރެވި ސާބިތުވެފައިވާ ހަގީގަތެކެވެ. " ޕީއެންސީން ބުނެފައިވެއެވެ.

ޕީއެންސީން ބުނެފައިވާގޮތުގައި ވޭޕުގެ ސިއްހީ ނުރައްކާތަކުގެ އިތުރަށް ވޭޕު ޒުވާނުންނާއި ފުރާވަރުގެ ކުދިންގެ މެދުގައި ފެތުރެމުންދާއިރު ވޭޕުގެ އެކި ބައިތައް ބޭނުންކޮށްގެން މަސްތުވާތަކެތި ކުޑަކުދިންނާއި، ޒުވާނުންގެ މެދުގައި ފަތުރަމުންދާކަން ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް އައިސްފައިވެއެވެ. އެ ހަގީގަތްތަކުގެ އަލީގައި މާހިރުންނާއި މަދަނީ ޖަމިއްޔާތަކާއި ސިއްހީ ދާއިރާގެ މާހިރުން ވޭޕު މަނާކުރުމަށް ގޮވައިލައްވަމުންދާތާ އަހަރުތަކެއްވެފައިވާއިރު މިހާތަނަށް މިކަމުގައި ފާއިތުވި ސަރުކާރުތަކަށް އޮތީ ފިޔަވަޅެއް ނޭޅިއެވެ.

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެތަކެތި ރާއްޖެ އެތެރެކުރުމާއި، ބޭނުންކުރުމާއި، ވިއްކުމާއި އެތަކެތީގެ ވިޔަފާރިކުރުމާއި ހިލޭ ބެހުން މަނާކުރެއްވުމަށް ނިންމެވުމަކީ ދިވެހި ކުޑަކުދިންނާއި ޒުވާނުންގެ ހައްގުގައި ނިންމެވި ވަރަށް ހަރުދަނާ ނިންމެވުމެކެވެ. އެއީ އަންނާން އޮތް ޖީލުތައް ހިމާޔަތްކުރެއްވުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅެއްކަމުގައި މި ޕާޓީން ގަބޫލުކުރާކަމަށާއި އަދި ރައީސްގެ އެ ނިންމެވުމަށް ފުރިހަމައަށް ތާއީދުކުރާ ހާލު ގައުމުގެ މުސްތަގްބަލަށްޓަކައި އެމަނިކުފާނުގެ ނިންމެވި ނިންމެވުން ތަންފީޒުކުރުމުގައި އެންމެހާ އިދާރާތަކާއި ވިޔަފާރިތަކާއި އާންމު ފަރުދުން އެއްބާރުލުން ދިނުމަށް އިލްތިމާސްކުރާކަމުގައި ޕީއެންސީން ބުނެފައިވެއެވެ.

ރައީސް މިއަދު ނިންމެވި ނިންމެވުމުގައި ވިދާޅުވެފައިވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑު އަންގަވާފައިވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް