ފަލަސްތީނުގެ ހަނގުރާމަވެރިންގެ ހަމަލާއެއް އިޒްރޭލަށް ދީފާނެ ކަމުގެ އިންޒާރު އެމެރިކާގެ އިންޓެލިޖެންސްއިން ދިން ކަމަށް އެމެރިކާއިން ބުނެފި

އިސްރާއީލުގެ ދެކުނުގައި ހަމާސް އިން ދިން ވަރުގަދަ ހަމަލާތަކުގެ ކުރިން އެފަދަ ހަމަލާއެއް ދީފާނެކަމުގެ އިންޒާރު އޭގެ އެއް ހަފުތާކުރިން ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) އަށް އެނގުނު ކަމަށާއި...

14 Oct 2023 | 16:28

އިސްރާއީލުގެ ދެކުނުގައި ހަމާސް އިން ދިން ވަރުގަދަ ހަމަލާތަކުގެ ކުރިން އެފަދަ ހަމަލާއެއް ދީފާނެކަމުގެ އިންޒާރު އޭގެ އެއް ހަފުތާކުރިން ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) އަށް އެނގުނު ކަމަށާއި، އެ އިންޒާރު ދީފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފި އެވެ.

ސީއައިއޭ އިން ވަނީ ހަފުތާ ބަންދުގައި ހަމާސްގެ ހަމަލާގެ އެއް ދުވަސް ކުރިން ދެ ރިޕޯޓެއް ތައްޔާރުކޮށްފަ އެވެ. ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ނެރުނު ފުރަތަމަ ރިޕޯޓުގައި ވަނީ ހަމާސް އިން އިސްރާއީލާ ދިމާލަށް ރޮކެޓް ފޮނުވާލުމުގެ ފުރުސަތު އޮތް ކަމުގެ އިންޒާރު ދީފަ އެވެ. އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހު ނެރުނު ދެވަނަ ރިޕޯޓަކީ ފަލަސްތީނުގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ހަމާސް ޖަމާއަތުން ހަމަނުޖެހުން ހިންގައިފާނެ ކަމުގެ އާންމު އިންޒާރު ދިނުމެވެ.

މި އިންޓެލިޖެންސް ރިޕޯޓްތަކަކީ އާދައިގެ އަދި މުޅި އަހަރު ފަލަސްތީނުގެ ހަމަނުޖެހުންތަކާ ބެހޭ ގޮތުން ޝާއިއުކުރި އިންޒާރުތަކާ އެއްގޮތް ރިޕޯޓެއް ކަމަށް ބެލެވުނު ނަމަވެސް، އެ ރިޕޯޓްތަކަކީ އެމެރިކާގެ ސަރުކާރަށް ދޭ މަތީ ފެންވަރުގެ އެލާޓްތަކެއްގެ ގޮތުގައި ފާހަގަކޮށްލެވެ އެވެ.

އިޒްރޭލާ ދިމާލަށް ގާތްގަނޑަކަށް 5،000 ރޮކެޓް ފޮނުވާލުމުގެ އެއް ދުވަސް ކުރިން އެމެރިކާގެ އޮފިޝަލުން ވަނީ އިސްރާއީލުގެ ބޯޑަރު ކައިރީގައި ހަމާސްގެ ހަނގުރާމަވެރިން "އާދަޔާ ހިލާފު" ހަރަކާތެއް ހިންގަމުންދާކަން ފާހަގަކޮށް ރިޕޯޓްތައް އާންމުކޮށްފަ އެވެ. ދެ ވަނަ ކްލެސިފައިޑް ރިޕޯޓް ހިމަނާފައި ވަނީ އެމެރިކާގެ ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކަށާއި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ކޮންމެ ދުވަހަކު ބެހުނު ސީއައިއޭ އިންޓެލިޖެންސް ރިޕޯޓެއްގަ އެވެ.

ނަމަވެސް މިއިން އެއްވެސް ރިޕޯޓެއް ރައީސް ޖޯ ބައިޑަން އަށް ނުވަތަ ވައިޓް ހައުސްގެ އިސް އޮފިޝަލުންނަށް އަންގާފައި ނުވާ ކަމަށް އެމެރިކާގެ އޮފިޝަލުން ނަން ހާމަނުކޮށް ވާހަކަ ދައްކަވާ ކަމަށް އެމެރިކާގެ އޮފިޝަލުން ވަނީ ބުނެފަ އެވެ. ވައިޓް ހައުސްގެ ސިޔާސަތުތައް ކަނޑައެޅުއްވި ބޭފުޅުންނަށް މި ރިޕޯޓްތަކުގެ މުހިންމުކަން ސީއައިއޭއިން ފާހަގަކޮށްފައެއް ނުވެއެވެ.

އިސްރާއީލާއި ޣައްޒާ އަދި ހުޅަނގު އައްސޭރި އަކީ އިސް އޮފިޝަލުންނަށް ކޮންމެ ދުވަހަކު ބާއްވަމުން އަންނަ ބްރީފިންތަކުގައި "ހޮޓް ސްޕޮޓްސް" ލިސްޓުގައި އަބަދުވެސް ހިމެނިފައިވާ ސަރަހައްދެއް ކަމަށް އިންޓެލިޖެންސް ކޮމިއުނިޓީގެ ގާތް ބޭފުޅަކު ވިދާޅުވި އެވެ.

ސީއައިއޭގެ ޑިރެކްޓަރު ބިލް ބާންސް ވަނީ ފެބްރުއަރީ މަހުގެ ކުރީކޮޅު އިސްރާއީލާއި ފަލަސްތީނާ ދެމެދު ހަމަނުޖެހުންހިންގުމުގެ ފުރުސަތު އޮތުމުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މި ސްޓްރެޓެޖިކް އިންޒާރުތަކާ އެކުވެސް، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހިނގި ހާދިސާތަކުގައި އެމެރިކާ އާއި އިސްރާއީލުގެ އޮފިޝަލުން ވެސް ވަނީ ހިފެހެއްޓިފަ އެވެ.

މިފަދަ ރިޕޯޓްތަކަކީ އާދަޔާ ޚިލާފު ރިޕޯޓެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު، ސެކްރެޓަރީ އޮފް ޑިފެންސް ލޮއިޑް އޮސްޓިން ވިދާޅުވީ، އެކުވެރިޔަކާ ދެކޮޅަށް ހަމަލާއެއް ދޭން އުޅޭކަން އެމެރިކާއަށް އެނގުނުނަމަ، އެ ބައިވެރިޔާއަށް އެކަން އެންގީސް ކަމަށެވެ.

ބައިޑަންގެ އިސް ސަރުކާރާއި އިންޓެލިޖެންސް ކޮމިއުނިޓީގެ އޮފިޝަލުން ބުނަމުން ދަނީ މި ބޮޑު ހަމަލާ އަށް މަގުފަހިވި ޕްލޭނިން ފެއިލްވި މިންވަރު ދެނެގަންނަން އަދި މާ އަވަސް ކަމަށެވެ.

ޓެކްޓިކަލް އިންޒާރު ނުދިނުމުގެ ޒިންމާ އެމެރިކާގެ އެކި އޮފިޝަލުންގެ މެދުގައި އުފެދިފައިވާއިރު، ބައެއް ފަރާތްތަކުން ބުނަމުން ދަނީ ޣައްޒާއާ ބެހޭ ގޮތުން އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓް ކުރާ މުހިންމު ވަސީލަތެއްގެ ހައިސިއްޔަތުން އިޒްރޭލުން އެ ހަމަލާ އަންދާޒާ ކުރަންވީ ކަމަށެވެ.

ދާދި ފަހުން ހަމާސް އިން އިސްރާއީލަށް ދިން ހަމަލާގައި އެ ގައުމުގައި 1300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އިޒްރޭލުގެ އިންޓެލިޖެންސް ގާބިލުކަމާއި ހަމާސްގެ ރޭވުންތަކާ ބެހޭ މައުލޫމާތު އެއްކުރުމުގެ ގާބިލްކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އޭގެ ރައްދުގައި އިސްރާއީލުން ވަނީ ހަމާސް ޖަމާއަތުން ހިންގާ ޣައްޒާ މުޅިން ވަށާލައި، ހީވެސް ނުކުރާ ފަދަ ވައިގެ ހަމަލާތަކެއް ދީފަ އެވެ. މި ހަމަލާ ތަކުގައި ޣައްޒާގެ 1،900 މީހުން މަރުވެފައިވާ ކަމަށް އެ ގަޢުމުގެ ކަމާބެހޭ ފަރާތް ތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް