24 ގަޑިއިރުގެ ތެރޭގައި ގާޒާ ހުސްކުރުމަށް އިޒްރޭލުން ނެރުނު އަމުރު ބަދަލުކުރުމަށް ދިވެހި ސަރުކާރުން ގޮވާލައިފިއެވެ.
ދިވެހި ސަރުކާރުން މިކަމަށް ގޮވާލާފައިވަނީ ފަލަސްތީނު-އިޒްރޭލު މަސްރަހާއި ގުޅޭގޮތުން ރޭގެ ވަގުތެއްގައި ސަރުކާރުގެ ފަރާތުން ރާއްޖޭގެ ހާރިޖީ ވުޒާރާއިން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ގާޒާގައި ދިރިއުޅެމުންދާ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރޭލުން ކުރިއަށް ގެންދާ ޢަސްކަރީ ޙަމަލާތަކާއި އިރުމަތީ ގާޒާގައި ދިރިއުޅެމުންދާ 1.2 މިލިއަން ޢާއްމު ރައްޔިތުން 24 ގަޑިއިރު ތެރޭ ގާޒާގެ ދެކުނަށް ބަދަލުވުމަށް އިސްރޭލުގެ ސިފައިން އެންގި އެންގުން ދިވެހިރާއްޖެއިން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށާއި ސަލާމަތްތެރިކަމާއި އެނބުރި އާދެވޭނެކަމުގެ ގެރެންޓީއަކާނުލައި މިފަދަ ކަމެއް ކުރުވުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށްވާ މަޖުބޫރުން ހިޖުރަކުރުވުން ކަމަށެވެ. އެހެންކަމުން އެއަމުރު ބަދަލުކުރަންޖެހޭކަމަށެވެ.
"ހަނގުރާމަވެރިންނާއި ޢާއްމުންނާ ތަފާތުކުރުމެއްނެތި ދެމުންދާ ޙަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އެތައް ސަތޭކަ ބަޔަކު ޝަހީދުވެފައިވާއިރު އިތުރު އެތައް ހާސް ބަޔަކު ވަނީ ޒަޚަމްވެފައެވެ. ހަމައެއާއެކު، މިޙަމަލާތަކުގައި ހޮސްޕިޓާތަކާއި ސްކޫލުތައް ހިމެނޭހެން މުހިއްމު ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނާއި އ.ދ.ގެ ޢިމާރާތްތަކާއި ޢާއްމުން ދިރިއުޅޭ ޢިމާރާތްތަކާއި އަޅުކަންކުރާތަންތަން ސުންނާފަތިވެފައިވެއެވެ." ގާޒާގެ ހާލަތާއި ގުޅޭގޮތުން އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ސަރުކާރުން ޤަބޫލުކުރާގޮތުގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ މިޢުދުވާންތަކަކީ ބައިނަލްއަޤުވާމީ އަދި އިންސާނީ ޙައްޤުތަކާ ބެހޭ އެންމެހައި ޤާނޫނުތަކާ ޚިލާފަށް ހިންގާ ހަނގުރާމައިގެ ޖަރީމާތަކެއްކަމަށެވެ. ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޙަމަލާތައް ވަޤުތުން ހުއްޓުވުމަށް މަޖުބޫރުކުރުވައި ގާޒާއަށް މިހާރުން މިހާރަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޟަރޫރީ ބޭނުންތަކަށް ބޭނުންވާނެ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ ކޮރިޑޯއެއް ހުޅުވުން ކަށަވަރުކުރުމަށް ބާރުއެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ދިވެހި ސަރުކާރުން ގޮވާލާކަމަށެވެ.
"ފަލަސްޠީނުގެ ރައްޔިތުން އެބައިމީހުންގެ ވަކި ދައުލަތެއް އުފެއްދުމަށާއި އެބައިމީހުންގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ކުރިއަށްގެންދާ ޖާއިޒު މަސައްކަތްތަކުގައި ފަލަސްޠީނުގެ ރައްޔިތުންނަށް އެއްވެސް ޝަރުތަކާނުލައި ތާއީދުކުރުންމަތީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބިކަން ތަކުރާރުކުރަމެވެ." ދިވެހި ސަރުކާރުން ބުނެފައިވެއެވެ.
ސަރުކާރުން އިތުރަށް ބުނެފައިވަނީ ދިވެހި ސަރުކާރުން ޤަބޫލުކުރާ ގޮތުގައި ފަލަސްޠީނުގައި ހިނގަމުންދާ ހަމަނުޖެހުމަށް ދެމިގެންދާނެ އަދި ދެމެހެއްޓެނިވި ޙައްލެއް ހޯދޭނީ 1967ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރެވިގެންކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް