ހުޅިދޫއިން ފައިބަން ވާވު ރައީސާއި އެ ރަށުގައިތިބި މީހުން ނިންމައިފި

އިއްޔެއިން ފެށިގެން ވާވު އަތޮޅު ހުޅިދޫގައި ގޮސް ތިބި އެ އަތޮޅު ރައީސާއި ރައީސާއެކު ތިބި މީހުން މިރޭ އެ ރަށް ދޫކޮށް ފައިބަން ނިންމައިފިއެވެ. ވާވު ރައީސް ޝުޖާއު އަލީއާއެކު އެ ރަށުގައި އެ އަތޮޅު ތިނަދޫ ކ...

14 Oct 2022 | 17:37

އިއްޔެއިން ފެށިގެން ވާވު އަތޮޅު ހުޅިދޫގައި ގޮސް ތިބި އެ އަތޮޅު ރައީސާއި ރައީސާއެކު ތިބި މީހުން މިރޭ އެ ރަށް ދޫކޮށް ފައިބަން ނިންމައިފިއެވެ.

ވާވު ރައީސް ޝުޖާއު އަލީއާއެކު އެ ރަށުގައި އެ އަތޮޅު ތިނަދޫ ކައުންސިލްގެ ރައީސް ޝިފާގް ހުސެއިންވެސް ހުންނެވި އިރު އެބޭފުޅުން ކުރައްވަމުންގެންދަވާ އިހްތިޖާޖުގެ އަޕްޑޭޓްސްތައް ޝިފާގް ގެންދަވަނީ ޓްވިޓާ މެދުވެރިކޮށް ހިއްސާ ކުރައްވަމުންނެވެ.

އެގޮތުން އެންމެފަހުން މިރޭ ޝިފާގް ވިދާޅުވެފައިވަނީ އަތޮޅު ކައުންސިލާއި ރައީސް އޮފީސް އަދި ގުޅުންހރި ހުރިހާ މުއައްސަސާތަކާއެކު ވީހާވެސް އަވަހަށް މަޝްވަރާ ކުރުމަށް އެއްބަސްވުމަކަށް އާދެވި، ހަރަކާތް މަޑުޖައްސާލައި މުޒާހަރާގެ ބައިވެރިންގެ އެދުމާއެކު ހައްޔަރު ނުވެ އަތޮޅު ރައީސް ހުޅިދޫއިން ފައިބަން ނިންމާފައިވާކަމަށެވެ.

"މަޝްވަރާގެ މުއްދަތުގެ ތެރޭގައި ފުލުހުންގެ އިދާރާމެދުވެރިކޮށް ހުޅިދޫގެ ހާލަތު ބައްލަވަމުން ގެންދަވާނެކަމުގެ ޔަގީންކަން ސަރުކާރުން އަޅުގަނޑުމެންނަށް ދެއްވެވި" ޝިފާގް ވިދާޅުވެފައިވެއެވެ.

އިއްޔެ ހެނދުނުއްސުރެ މިރޭގެ މިހާހަމައަށް އެ ރަށުގައި ވާވު ރައީސާއި ތިނަދޫ ރައީސާއި ވާވަށް ނިސްބަތްވާ ބައެއް ރައްޔިތުން ހުޅިދޫއަށް އަރާ އެ ރަށުގައި އިހްތިޖާޖުކުރަމުންދިޔައީ އެ ރަށް އަތޮޅު ކައުންސިލާ ހަވާލުކުރުމަށް ގޮވާލައެވެ. އެގޮތަށް ގޮވާލަމުންދިޔައީ ދަނޑުވެރިކަމަށް އެ ރަށް ދޫކޮށްފައިވާ ފަރާތާއިމެދު ވެފައި އޮތް އެއްބަސްވުން ގާނޫނީ ހުސްކަމަކަށް އައިސްފައިވާކަމަށާއި ގަވާއިދާއި ގާނޫނާ ހިލާފަށް އެ ރަށުގައި ކަންތައްތަކެއް އެ ފަރާތުން ހިންގާކަމަށް ތުހުމަތު ކޮށެވެ.

އެގޮތުން ރޭގެ ވަގުތެއްގައި އެ ރަށުގައި ހުންނަވައި ދުވަހަށް މައުލޫމާތުދެއްވަމުން ވާވު ރައީސް ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް، އޮންނަ އުސޫލުގެ ތެރެއިން 15 މަސް ދުވަހު މަސައްކަތް ކުރެވުނު ކަމަށާއި ރަށަށް އަރަންޖެހުނީ ހައްލެއް ނުލިބުމުން ކަމަށެވެ. އަދި ކަމާއިބެހޭ މުއައްސަސާތަކުން އެކަމުގައި ދެނީ ބީރުކަންފަތެއްކަމުގައިވެސް ވާވު ރައީސް ވިދާޅުވިއެވެ.

https://twitter.com/dhuvasmv/status/1580603009964572673

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް