ހުޅުމާލޭ ފޭސް އެކެއްގެ 816 ފްލެޓަކުން އަދި ފޭސް ދޭއްގެ 2345 ފްލެޓަކުން ކުލި ދައްކަމުން ނުދާކަން ވޯލްޑް ބޭންކުން އާއްމުކުރި "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓްގައި ފާހަގަކޮށްފިއެވެ.
އެގޮތުން އެ ރިޕޯޓްގައި ފާހަގަކޮށްފައިވާގޮތުގައި ފޭސް އެކަކުން ޖޫން 2004ގައި ދޫކޮށްފައިވާ 204 ފްލެޓްގެ ތެރެއިން 84 ފްލެޓަކުން ކުލި ދައްކަމުންނެއް ނުދެއެވެ. ޖެނުއަރީ 2007ގައި ދޫކޮށްފައިވާ 82 ފްލެޓްގެ ތެރެއިން 27 ފްލެޓަކުން ކުލި ދައްކަމުން ނުދެއެވެ. ޖުލައި 2009 ގައި ދޫކޮށްފައިވާ 518 ފްލެޓްގެ ތެރެއިން 210 ފްލެޓަކުން ކުލި ދައްކަމުން ނުދެއެވެ. ސެޕްޓެމްބަރ 2013 ގައި ދޫކުރި 963 ފްލެޓްގެ ތެރެއިން 278 ފްލެޓަކުން ކުލި ދައްކަމުން ނުދެއެވެ. 2017 ގައި ދޫކުރި 702 ފްލެޓްގެ ތެރެއިން 217 ފްލެޓަކުން ކުލި ދައްކަމުން ނުދެއެވެ. އެގޮތުން ފޭސް އެކަކުން ޖުމްލަ 818 ފްލެޓަކުން ގަވާއިދުން ކުލި ނުދައްކާ "ޑީފޯލްޓް" ވެފައިވާކަން ފާހަގަކޮށްފައިވެއެވެ.
ފޭސް ދެއަކަށް ބަލައިލާއިރު ފޭސް ދޭއްގެ ހިޔާ މަޝްރޫއުގެ 6338 ފްލެޓް ދޫކޮށްފައިވާއިރ އޭގެ ތެރެއިން 2345 ފްލެޓަކުން ކުލި ދައްކަމުންނުދާކަން ފާހަގަކޮށްފައިވެއެވެ. އެއީ ހިޔާ ފްލެޓްގެ 37 އިންސައްތަ ފްލެޓެވެ.
އެ ރިޕޯޓްގައިވާގޮތުގައި މިކަމުގެ ސަބަބުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް މާލީ ބޮޑު ބުރައެއް އުފުލަން ޖެހިފައިވެއެވެ. އަދި ކުލި ނުދޭ ފަރާތްތަކަށް ފިޔަވަޅު އަޅައި ތަން އަތުލުމުގެ އިހްތިޔާރު އެޗްޑީސީއަށް އޮތް ނަމަވެސް އެކަން ކުރެވެމުން ނުދާކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ކުލި ނުދައްކާ ފަރާތްތަކަށް ބަހާލައިގެން ކުލި ދެއްކުމުގެ ފުރުސަތު ދެމުންދިޔަނަމަވެސް އެކަމުން ކުރިއެރުމެއް ލިބެމުން ނުދާކަންވެސް ވޯލްޑް ބޭންކްގެ އެ ރިޕޯޓްގައި ފާހަގަކޮށްފައިވއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް