ކައިވެނީގެ ގޮށަކީ ތާއަބަދަށް ޖަހާލެވޭ ބާރު ގޮށެވެ. ކޮންމެ ދެމަފިރިއަކުވެސް ކައިވެނީގެ ގޮށް ޖަހާލަނީ ލޯބީގެ ގުޅުމަކުން އެތަކެއް އަހަރުތަކެއް ހޭދަކުރުމަށް ފަހުގައެވެ. ކައިވެނީގެ ގޮށް ޖަހާލަނީ ދެމީހުން ވަކިހިސާބަކުން ވަކިވުމުގެ ނިޔަތެއްގައި ނޫނެވެ. ކަން މިހެން ހުރި ނަމަވެސް ކައިވެނީގެ ގޮށް މޮހާލާ ދެމަރިން ވަކިވާތަން ފެންނަނީކީ މަދެއްކޮށެއް ނޫންނެވެ. ހަމަޔީގުން ވެސް މިކަން މި ދިމާވަނީ ކޮންމެވެސް ސަބަބުތަކަކާއި ހުރެކަން ޔަގީނެވެ. ބައެއް ފަހަރު އަންހެނުންގެ މައްސަލައެވެ. އަނެއްބައި ފަހަރު ފިރިހެނުންގެ މައްސަލައެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ގިނަ ފަހަރު ކައިވެނީގެ ގޮށް ދޫވެ މޮހިގެން ދަނީ އަންހެނުންގެ ސަބަބުންނެވެ.
އެހެން ކަމުން މިކަމަށް އެންމެ ބޮޑަށް ވިސްނަން ޖެހޭނެ ބަޔަކީ އަންހެނުންނެވެ. ކައިވެންޏަށް ފަހު ފިރިމީހާއި އެކު ރަނގަޅު ދިރިއުޅުމެއް އުޅޭގެ ރަނގަޅު ގޮތްތައް ޚިޔާރުކުރުމަށް އަންހެނުން ދަސްކުރަން ޖެހެއެވެ. ޙާއްސަކޮށް ފިރިމީހާގެ ލޯބި ހޯދާނެ ގޮތްތައް ދެނެގަނެ އެކަންކަން ކޮށްލަން ވެސް ޖެހޭނެއެވެ. އެގޮތުން މި ލިޔުމުގައި މި ބަލާލަނީ އަންހެނުންނަށް ފިރިމީހާގެ ލޯބި ހޯދަން ކުރެވިދާނެ ބައެއް ކަންކަމުގެ މައްޗަށެވެ.
ފިރިމީހާ އަށް ލޯތްބާއި އަޅާލުންދީ އިޙްތިރާމް ކުރުން:
ކޮންމެ މީހަކީވެސް ލޯތްބާއި އަލާލުން އިންތިހާއަށް ބޭނުންވާނޭ މީހެކެވެ. ޤަދަރާއި އިޙްތިރާމް ބޭނުންވާނޭ މީހެކެވެ. އެހެން ކަމުން އެކަކު އަނެކަމަށް އަޅާލާ ލޯބި ދީ އިޙްތިރާމް ކުރުމަކީ ގުޅުމެއް އަބަދަށް ދެމިއޮތުމުގެ އަސްލެވެ. ފިރިމީހާއަށް އަޅާލާ ލޯބިދޭށެވެ. އިޙްތިރާމް ކުރާށެވެ. އޭރުން އެކަނުގެ ފޮނި މޭވާ ދިރިއުޅުމުގައި ފެންނާނެއެވެ.
ފިރިމީހާ ކުރިމަތީ ޖަދަލުކޮށް ޒުވާބު ނުކުރުން
ބައެއް ދިރާސާތަކުން އެނގޭ ގޮތުގައި ކައިވެނިކޮށްގެން އުޅޭ ދެމަރިންގެ ދެމެދުގައި އެންމެ ގިނަ ފަހަރު ޖެހޭ މައްސަލައަކީ ގޮތް ދޫނުކުރުމާއި އަކަކު އަނެކަކު ކުރިމަތީ ޒުވާބު ކުރުމެވެ. މިކަން ގިނަ ފަހަރު ދިމާވަނީ އަންހެނުންގެ ސަބަބުން ކަމަށް ބުނެއެވެ. ފިރިމީހާ ކުރިމަތީ ޒުވާބުކޮށް އަޑުގަދަ ކުރުމަކީ އުޅުމެއް ވައްޓަފާޅިއެއް ނެތް އަންހެނުންގެ ސިފައެކެވެ. ފިރިމީހާ އެއްޗެކޭ ބުނުމުން އެއާއި ވިއްދާ ޖަދަލުކޮށް ޒުވާބު ކުރުމުގެ ބަދަލުގައި ފިރިމީހާ އަށް އިޙްތިރާމް ކުރމުގެ ގޮތުން ފިރިމީހާ ދައްކާ ވާހަކަތައް ގަބޫލުކޮށް އެއާއި އެއްގޮތައް އަމަލުކުރުމަކީ ދިރިއުޅުން ދެމި އޮތުމަށް ބާރުއަޅާނޭ ކަމެކެވެ. ދިރިއުޅުން ބާއްޖަވެރިވާނޭ ކަމެކެވެ.
އަބަދުވެސް ސާފުތާހިރުވެ، ޒީނަތްތެރި ވެފައި ހުރުން
ފިރިމީހާގެ ހިތްހަމަ ޖެހުމަށް ޓަކައި އަބަދުވެސް އަނބިމީހާ ހުންނަންވާނީ ސާފުތާހުރިކޮށް ޒީނަތްތެރި ވެފައެވެ. އަބަސްދުވެސް އަނބިމީހާ ހުންނަން ވާނީ ރީތި ފިރިމީހާ ހިތްކިޔާ ފަދަ ހެދުމެއް ލައި މީރުވަސް ދުވާފަދަ ސެންޓެށް ޖަހައި ނަލަހެދިގެންނެވެ. މިއީ ފިރިމީހާގެ ލޯބި ހޯދުމަށް ކުރެވޭނެ އެންމެ މުހިންމު އެއްކަންތަކެވެ.
ގެވެހި އަންބަކަށް ވުން
ފިރިއަކު އެންމެ އެދޭ ގަޔާވާ ބަޔަކަށްވަނީ ގެވެހި ކަމުގެ ސިފަލިބިފައިވާ އަނބިންނަށެވެ. މުޅި ގެބަލަހައްޓާ ކައްކަން އެނގުން، ޒަމާން ބަދަލުވެފައި ވީނަމަވެސް މެއިޑްއަކު ނޫނީ ގޭގައި ގެންގުޅޭ މަސައްކަތުމީހަކު ނުގެންގުޅެ، އަނބިމީހާ ކައްކާފައި ކާންދިނުމުން ވާލޯބި އިތުރުވެއެވެ. ވަޒީފާގައި އުޅެމުންވެސް ރޭވުންތެރިކަމާއެކު ދެމަފިރިން ބައިވެރިވެގެން ގޭތެރޭގެ ކަންތައް ރާވާލެވިދާނެއެވެ
ފިރިމީހާގެ ކަންކަމުގައި އެހީތެރިވެ ދިނުން
ފިރިހެނުން ކުރާ މުހިންމު ކަންކަމުގައި އެހީވެ، ހިތްވަރުދީ، އެއްބާރުލުން ދިނުމަކީ އެމީހުން އަންހެނުންގެ ކިބައިން އެންމެ ގަޔާވާ އެއް ސިފައެވެ. އެހެން ކަމުން ފިރިމީހާއަށް އަބަދުވެސް ހިތްވަރުދީ، ލިބޭ ކާމިޔާބީތަކަށް ސާބަސްދިނުމަކީ ލޯބި އިތުރު ކުރުމަށް ކުރެވިދާނެ ކަމެކެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް