ބާސެލޯނާގައި އިތުރު ހަތަރު އަހަރު މަޑުކުރަން ނިންމާ އުމުރުން 18 އަހަރުގެ ޕެޑްރީ ގޮންޒަލޭޒް ލޮޕޭޒް އެއްބަސްވުން އާކޮށްފިއެވެ.
އުމުރުން 18 އަހަރުގެ ޒުވާން މިޑްފީލްޑަރ އިތުރު ހަތަރު އަހަރު ކުލަބުގައި މަޑުކުރަން ނިނަމާ އައު އެއްބަސްޗުމުގައި ސޮއިކުރިއިރު، އޭނާބާސެލޯނާއާއި އެކު މިހާރު ހަދާފައި އޮތް އެއްބަސްވުން މިއަހަރުގެ ނިޔަލަށް ހަމަވާނެއެވެ.
މިހާރު ސޮއިކުރި އިތުރު ހަތަރު އަހަރާއި އެކު ޕެޑްރީ ބާސާގައި 2026 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރާނެއެވެ.
2019 ވަނަ އަހަރުު ލަސް ޕަލްމަސްއިން ބާސެލޯނާއާއި ގުޅުނު ޕެޑްރީ އައު އެއްބަސްވުމާއެކު އޭނާގެ ރިލީސް ކްލައުސް ފީއެއްގެ ގޮތުގައި އެއް ބިލިއަން ޕައުންޑް ގެ އަގެއް ވެސް ވަނީ ކަނޑައަޅާފައެވެ.
އެހެން ކަމުން ބާސާގެ އެއްބަސް ވުން ހަމަވާ މުއްދަތުގެ ކުރިން ޕެޑްރީ ކުލަބު ދޫކޮށްލާ ނަމަ ނުވަތަ އެހެން ކުލަބަކަށް ބަދަލުވާނަމަ ރިލީސް ކްލައުސް ފީއެއްގެ ގޮތުގައި ކުލަބަށް އެއް ބިލިއަން ޕައުންޑްގެ ފީއެއް ދައްކަން ޖެހޭނެއެވެ.
ބާސާގެ މި އެއްބަސްވުން އާކުރުމަށްފަހު މީޑިއާ އާއި ވާހަކަ ދައްކަމުން ޕެޑްރީ ބުނީ އޭނާ ބާސާގައި މަޑުކުރަން ނިންމީ އެ ކުލަބާއި އެކު އިތުރަށް ކުރިޔަށް ދާން ބޭނުންވާތީ ކަމަށާއި އަދި އެ ނިންމުމަކީ އޭނާގެ ކެރިއަރުގައި ނިންމި ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ.
އިތުރަށް ޕެޑްރީ ބުނީ ބާސާއާއި އެކު އިތުރު ކާމިޔާބީތަށް ވެސް ހޯދަން ބޭނުންވާ ކަމަށެވެ. އެގޮތުން ގިނަ އަހަރުތަކެއް ވަންދެން ބާސާގައި މަޑުކުރަން ބޭނުންކަމަށް ވެސް އޭނާ ބުންޏެވެ.
2019 ވަނަ އަހަރު ބާސާ އާއި ގުޅުނު ޕެޑްރީ ވަނީ މިހާތަނަށް އެޓީމަށް ކުޅެދިން 56 މެޗުގައި 4 ލަނޑު ޖަހާފައެވެ.
މީގެ އިތުރުން އޭނާ ވަނީ މިދިޔަ ސީޒަނުގެ ކޮޕަޑެލްރޭ ބާސާ އާއި އެކު ކާމިޔާބުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް