އަރިއަތޮޅު ދެކުނުބުރީ އޮމަދޫގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާ ހިއްސާކޮށްފި އެވެ.
މިކަންބޮޑުވުންތައް ހިއްސާކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.
މިގޮތުން ކައުންސިލުން އެންމެ ބޮޑަށް ފާހަގަކުރައްވާފައި ވަނީ ރަށުގެ ބަނދަރު ހަލާކުވުމާއި ތިލަވަމުންދާތީ ބަނދަރު ބޭނުންކުރުމުގައި ދިމާވާ ދަތިތަކެވެ. އަދި ށުގެ ބޮޑުބައެއް ގިރަމުންދާތީ ހުރި ކަންބޮޑުވުންތަކާއި، ނަރުދަމާ މަސައްކަތް ނިމުނުތާ އަހަރެއްވެފައިވާއިރު ވެސް ނަރުދަމާގެ ޚިދުމަތް ނުފެށި ލަސްވެފައިވާ މައްސަލަ ވެސް ވަނީ ފާހަގަކޮށްފަ އެވެ.
މީގެ އިތުރުން ކުޅިވަރު ކުޅުމަށް ބޭނުންވާ ވަޞީލަތްތަކާއި، ސްކޫލްގެ ކްލާސްރޫމްގެ ޖާގައިގެ ދަތިކަމާއި ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާކަމުގައި ވެސް ކައުންސިލުން ވަނީ ވިދާޅުވެފަ އެވެ.
މި ބައްދަލުކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ހުށަހެޅި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެކަންތައްތައް އިސްކަންދޭ ތަރުތީބަކުން ފުރިހަމަކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފަ އެވެ. އެގޮތުން
އެމަނިކުފާނު ވަނީ އަންނަ އަހަރު ބަޖެޓުގައި ހިމަނައިގެން އޮމަދޫގައި އާ ޞިއްޙީ މަރުކަޒެއް ޢިމާރާތްކުރުމުގެ މަސައްކަތް ބަޖެޓުކުރެވިފައިވާ ކަމަށާއި، މިއަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ރަށުގެ ނަރުދަމާ ޚިދުމަތް ފެށުމަށް މަސައްކަތްކުރަމުންދާކަމުގައި ވިދާޅުވެފަ އެވެ.
މި ބައްދަލުކުރެއްވުމުގައި އޮމަދޫ ކައުންސިލުން ވަނީ މިއީ އެ ކައުންސިލްގެ ތާރީޚުގައި ވެސް ރައީސަކާ ބައްދަލުކުރުމަށް ލިބުނު ފުރަތަމަ ފުރުޞަތުކަން ފާހަގަކުރައްވައި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް