އައްޑޫގައި ފްލައިން ސްކޫލް ހިންގަން އުފައްދާ ޖޮއިންޓް ވެންޗާ ކުންފުނި އުފެއްދުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއެކު އައިލެންޑު އޭވިއޭޝަނުން މިއަދު ސޮއިކޮށްފި އެވެ.
އައިލެންޑް އޭވިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ. އެމްއެންޔޫ އިން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފެވެ.
މި އެއްބަސްވުމުގެ ދަށުން އުފައްދާނީ ސަރުކާރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުންޏެކެވެ. އެމްއޯޔޫގައިވާ ގޮތުގައި ފްލައިން ސްކޫލު އުފައްދައި ހިންގާނީ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ.
ސަރުކާރުގެ ފްލައިން ސްކޫލެއް މި އުފައްދަނީ، އޭއޭއޭގެ މައްސަލަ ބޮއްސުންލައިގެން ގޮސް، އެ ދަރިވަރުންގެ ކިޔެވުން ފުރިހަމަ ނުވެ، އެތައް ދަރިވަރުންނެއް މާޔޫސް ވެފައިވާ ދަނޑިވަޅެއްގަ އެވެ. އަލަށް ހަދާ ފްލައިން ސްކޫލުގައި ފުރަތަމަ ކިޔެވުމުގެ ފުރުސަތު ދޭނީވެސް އޭއޭއޭގައި ކިޔަވަން ފަށައި ކޯސް ނުނިންމި ތިބި ކުދިންނަށެވެ.
އާ ފްލައިން ސްކޫލު ހިންގަން ނިންމާފައިވަނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީންނެވެ.
އެމްއެންޔޫ އަށް 48 އަހަރު ވެފައިވާއިރު، މިއީ ޕައިލެޓުން ތަމްރީނުކުރުމުގެ ފުރަތަމަ މަސައްކަތެވެ. އެމްއެންޔޫއިން ބުނީ މިއަދު އެޅި ފިޔަވަޅަކީ ބޮޑު މަސައްކަތެއްގެ ބިންގަލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް