ރާއްޖޭގައި އެމެރިކާގެ އެމްބަސީ ހިންގާނެ ބިމެއްް ހޯދަން އެޤައުމުގެ ސަރުކާރުން މަސައްކަތް ފަށައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ވެރިރަށް މާލޭގައި އެމްބަސީ ހިންގާނެ ބިމެއް ހޯދުމަށްޓަކައި ދިވެހި ސަރުކާރާއި އެމެރިކާގެ އިސް އޮފިޝަލުންތަކެއް ވަރަށް ފަހުންވެސް މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައިވެއެވެ.
އެގޮތުން އެމެރިކާ އިން އެ ޤައުމުގެ އެމްބަސީ ހިންގަން ޙިޔާލު ހޯދާފައިވަނީ ޕާކިސްތާނު ހައި ކޮމިޝަނާއި ސަލްޓަންޕާކާއި ކައިރި ސަަރަހައްދަކުންނެވެ.
ނަމަވެސް ރާއްޖޭގެ ފަރާތުން ބައިވެރިވި ސަރުކާރުގެ އިސްވެރިން އެމެރިކާގެ އޮފިޝަލުންނަށް ދެއްވާފައިވާ ޙިޔާލަކީ އެ ސަރަހައްދުގައި އެމެރިކާގެ އެމްބަސީ އެއް ޤާއިމް ކުރުމުން ސަލާމަތީ ކަންކަން ބަލަހައްޓަން އުނދަގޫ ވާނެ ކަމުގައެވެ. އަދި ހުޅުމާލެއިން އެމެރިކާ އެމްބަސީ ހިންގަން ބިމެއް ހޯދުން ރަނގަޅު ކަމުގައެވެ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޑިޕްލޮމެޓިކް އެންކްލޭވް ގެ ނަމުގައި ބޭރު ޤައުމުތަކުގެ އެމްބަސީތައް ޤާއިމު ކުރުމަށްޓަކައި ސަރަހައްދެއް ހާއްސަކޮށްފައިވެއެވެ. ފާހަގަ ކުރެވޭގޮތުގައި އެ ސަރަހައްދުން އަވައްޓެރި އިންޑިއާ އާއި އެހެން ބައެއް ޤައުމުތަކަށް ބިން ދީފައި އަދި ވެސް ޖާގަ އެބަ އޮތެވެ.
އެމެރިކާއާއި ރާއްޖެއާއި ޑިޕްލޮމެޓިކް ގުޅުން ޤާއިމު ވެފައިވާއިރު ރާއްޖޭގައި މިވަގުތު އެމެރިކާގެ އެމްބަސީއެއް ނެތެވެ. މިވަގުތު އެ ގައުމުން ރާއްޖެއާއި ދެމެދު ކުރާ މަސައްކަތްތައް ހިންގަނީ އެމެރިކަން ސެންޓަރު ނަމަކަށް ކިޔާ އޮފީހެއްގައެވެ.
މީގެ ދެމަސް ދުވަސް ކުރިން އެމެރިކާއިން ވަނީ ރާއްޖެއަށް 128،700 ޑޯޒް ފައިޒާ ވެކްސިން ހަދިޔާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް