މާލޭ ބައިނަލްއަގުވާމީ ވައިގެ ބަނދަރު އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ދިން މައްސަލައިގާ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޑރ. މަރިޔަމް ޒުލްފާ ގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައީސް ނަޝީދަށް ފޮނުވައިފި އެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ޒުލްފާ ވިދާޅުވީ ޖީއެމްއާރަށް މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ދީފައިވަނީ، އޭރުގެ ރައީސް މުހައްމަދު ނަޝީދު 78 މިލިޔަން ރުފިޔާ ބޭނުންވެގެން ކަމަށެވެ.
ކްލަބް ހައުސް ގައި ވާހަކަ ދައްކަވަމުން ޑރ. ޒުލްފާ ވިދާޅުވީ ރައީސް ނަޝީދު ކައިރީގައި އޭރުވެސް ބޮޑެތި ލޯޔަރުން ތިއްބެވިއިރު، ޖީއެމްއާރަށް އެއަރޕޯޓް ދިނުމަށް އެހާ ފީކަޅާ އެގްރީމަންޓެއް ހެދީ ކީއްވެތޯ ސުވާލު ކުރެއްވި ކަމަށެވެ.
ޒުލްފާ ވިދާޅުވީ ޖީއެމްއާރް ކުންފުންޏަށް ރާއްޖޭގެ ބައިނަލްއަގުވާމީ ވައިގެ ބަދަރު ދިނުމުން އޭރު އެމްޑީޕީގައި އަދި ސަރުކާރުގެ މިނިސްޓަރަކަށް ހުންނެވިއިރު ވެސް އެކަމާއި ދެކޮޅަށް ގިނަ ބަޔަކު ނިކުތުމުން އުފާވި ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާފަދަ ކަމެއް ކުރުމަކީ އެއްވެސް އިރެއްގައި ތާއީދު ކުރެއްވި ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު، އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވަނީ 2010 ވަނަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު އެވެ. އަދި އެ އެއްބަސްވުން ރޫޅާލައްވަން ދިވެހި ސަރުކާރުން ނިންމެވީ 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ.
ޖީ.އެމް.އާރ،އެމް.އޭ.އެޗް.ބީ ކޮންސޯޓިއަމް އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި ދިވެހި ސަރުކާރުން އެއްބަސްވުމާއި އެއްގޮތަށް ކަންކަން ނުހިނގާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް މި އެއްބަސްވުން އުވާލެއްވީ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން ގެ ސަރުކާރުން ނެވެ.
އެހެންނަމަވެސް، މި މަސައްކަތުގައި އޭރު ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު، އަދި ކުރީގެ ރައީސްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ޕާޓީ ޕީޕީއެމުން ވެސް ވަނީ މިކަމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށްފަހު ވެސް ރައީސް ޔާމީން ވަނީ މި މައްސަލަ ޙައްލުކުރެއްވުމަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް