ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނީ އަންނަ ހަފުތާގައި ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.
އޭނާގެ މައްޗަށް ދައުވާ ކުރަނީ ސްޓްރާޑާ ކުންފުންޏަށް ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި ސިނަމާލެ ބްރިޖް ޕްލެޓްފޯމް ހެދުމަށާއި ފުޑް އައުޓްލެޓް އޭރިއާއެއް ހެދުމުގައި ކޮރަޕްޝަން ހިންގި ކަމަށް ބުނާ މައްސަލައިގަ އެވެ.
ޕީޖީ އޮފީހުން ވިދާޅުވީ އެ މައްސަލައާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި މީގެކުރިން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި އެންމެ ފަހުން މައްސަލަ ފޮނުވާފައި އޮތީ ކުރިން ކުރި މަޝްވަރާއާއެކު ތަހުގީގު ފުރިހަމަ ކުރުމަށް ފަހު ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
ޑރ. މުއިއްޒުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އޭސީސީން ޕީޖީގައި އެދިފައިވާ ފުރަތަމަ ދައުވާ އަކި ކޮރަޕްޝަންގެ ގާނޫނުގެ ދަށުން ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ނުލިބޭ ގޮތަށް ނުވަތަ އުނިކަން ލިބޭ ގޮތަށް އަމަލު ކުރުމުގެ ދައުވާ އެވެ. ދެވަނަ ދައުވާއަކީ ގާނޫނުލް އުގޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ އެވެ.
ޑރ. މުއިއްޒުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުތަކުގެ ބައެއް ދައުވާގެ ޝަރީއަތްތައް މިހާރު ވަނީ ފަށާފަ އެވެ.
އެގޮތުން ނޫމަޑިއަށް ބަދަލުގެ ފައިސާ ބޮޑުކޮށް ލިބޭ ގޮތަށް އާބިޓްރޭޝަންގައި މައުލޫމާތު ދިން ކަމަށް ބުނެ ޑރ. މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ކުށުގެ ޝަރީއަތް ވަނީ ފަށާފަ އެވެ. އަދި ޒިކުރާ މިސްކިތުގައި ހުރި ބިމުގައި ދިހަ ބުރީގެ އިމާރާތެއް ހަދަން ހަވާލުކުރުމުގައި ކޮރަޕްޝަންގައި ހިންގިކަމަށް ބުނާ މައްސަލައެއްގެ ޝަރީއަތް ވެސް ފަށާފައި ވެއެވެ.
އޭސީސީން ކުރާ ހުރިހާ ތުހުމަތުތަކަށް އިންކާރުކުރައްވާ ޑރ. މުއިއްޒު ވިދާޅުވެފައިވަނީ، ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވިއިރު ދައުލަތަށް ގެއްލުން ވާނެ ނުވަތަ ދައުލަތަށް ލިބޭ ފައިދާއަކަށް އުނިކަން އަންނަ އެއްވެސް ކަމެއް އަދި ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންގަވާފައި ނުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް