މާލެ ޕޮލިސް ކަސްޓޯޑިއަލްގެ ބަންދުގައި ތިބޭ މީހުންނާއިމެދު އަމަލު ކުރެވޭ ގޮތް ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބަލައިފި އެވެ.
ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް ބެލުމަށް އެޗްއާރްސީއެމް އިން ޒިޔާރަތްކޮށްފައިވަނީ އިއްޔެ އެވެ.
އެޗްއާރްސީއެމް އިން ހާމަ ކުރައްވާ ގޮތުގައި މި ޒިޔާރަތުގެ މައިގަނޑު މަޤްސަދަކީ، މާލެ ޕޮލިސް ކަސްޓޯޑިއަލްގެ ބަންދުގައި ތިބި މީހުންނާއިމެދު ޢަމަލު ކުރެވޭގޮތާއި، ތަނުގެ ޢާންމު ޙާލަތާއި، އެ ސްޓޭޝަނުގައި ބަންދު މީހުންނާއިމެދު ހިނގާފާނޭ އެއްވެސް އަނިޔާވެރި ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމެވެ.
އެފަދަ ޢަމަލަކަށް މަގުފަހިވާފަދަ ކަމެއްހުރިތޯބެލުމާއި، ދައުލަތުގެ ބެލުމުގެދަށުގައި މިނިވަންކަން ގެއްލޭގޮތަށް ބައިތިއްބާފައި ތިބޭ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، ޤާނޫނު ނަންބަރު 2013/13 (އެންޓި ޓޯޗަރ ޤާނޫނު) އާއި ޤައުމީ އަދި ބައިނަލްއަޤްވާމީ އެހެނިހެން މިންގަނޑުތަކާއި، ޤަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އެސެންޓަރުގައި ޙިދުމަތް ފޯރުކޮށްދޭތޯ ބެލުން ކަމުގައި ބުނެފައި ވެއެެވެ.
މީގެއިތުރުން އެ ސްޓޭޝަނުގައި މަަސައްކަތްކުރައްވާ މުވައްޒަފުނަށް ދިމާވާދަތިތަކާއި، މިފަދަ މާޙައުލެއްގައި މަަސައްކަތް ކުރާއިރު ރާއްޖޭގެ ޤާނޫނުއަސާސީ އާއި ބައިނަލްއަޤްވާމީ މުޢާހަދާތަކުން ލިބިދޭންޖެހޭ ރައްކާތެރިކަން މުވައްޒަފުންނަށް ލިބިދޭތޯބެލުން ހިމެނެ އެވެ. އަދި އެ ސްޓޭޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ އާންމު ޙާލަތު ދެނެގަނެ، މަސައްކަތުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުންވެސް އެ ޒިޔާރަތުގެ މަޤްސަދުގެތެރޭގައި ހިމެނޭކަމަށް ހާމަކޮށްފައި ވެއެވެ.
އިތުރަށް ހާމަކުރެއްވި ގޮތުގައި ކޮވިޑް-19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ޙާލަތުގައި މިފަދަ ތަންތަނުގައި މަަސައްކަތްކުރާ މުވައްޒަފުންނާއި ބަންދުގައި ތިބޭ ފަރާތްތަކަށް ފޯރުކޮށްދޭ ޙިދުމަތްތައް ދެނެގަތުމަކީވެސް އެ ޒިޔާރަތުގެ މަޤްސަދެކެވެ.
މި ޒިޔާރަތަށްފަހު އެޗްއާރްސީއެމް އިން ވިދާޅުވިގޮތުގައި ފާހަގަކުރެވުނު ކަންކަން ހިމެނޭ އަވަސް ކަރުދާހެއް ދިވެހި ފުލުހުންގެ ޚިދުމަތާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ކަމާ ގުޅުންހުރި އެހެނިހެން މުއައްސަސާތަކާ ޙިއްސާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއިއެކު ބައްދަލުވުމެއް ބާއްވައި ރިޕޯޓުގައިވާ ހުށަހެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން ޤަވާއިދުން ފޮލޯ-އަޕް ހެދުމަށް ވެސް ހަމަޖެހިފަައިވާ ކަމަށެވެ.
ފާހަގަކުރެވޭގޮތުގައި މިއީ އެޗްއާރްސީއެމްގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމުން މާލެ ޕޮލިސް ކަސްޓޯޑިއަލްގެ އެ ސްޓޭޝަނަށް ކުރާ ނުވަަަވަނަ ޒިޔާރަތެވެ.
މީގެއިތުރުން 2017 އޭޕްރިލް 20 ވަނަ ދުވަހު މާލެ ޕޮލިސް ކަސްޓޯޑިއަލް އަށް މޮނިޓަރިންގ ޒިޔާރަތެއްކޮށް، ފާހަގަކުރެވުނު ކަންތައްތަކުގެ މައްޗައް ރިޢާޔަތްކޮށް، އިސްލާޙުކުރުމަށް އެ އިދާރާއަށް ހުށަހަޅާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް