ކޯވިޑް ވެކްސިންގެ ބޫސްޓާ ޑޯޒު ޖަހަން ހުއްދަ ދެވުނު ކަމުން ޑަބްލިއުއެޗްއޯ މޮޔަ ހިތައް އަރާފައި!

ކޯވިޑް-19 އަށް ތައްޔާރުކޮށްފައިވާ ވެކްސިންގެ ބޫސްޓާ ޑޯޒު ޖެހުން އެންމެ ރަނގަޅު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއެޗްއޯއިން ލަފާ ދީފަވީނަމަވެސް ބޫސްޓާ ޑޯޒު ޖަހާ މިންވަރު އިތުރު ކުރުމަކީ ތާއީދު ކ...

14 Oct 2021 | 03:47

ކޯވިޑް-19 އަށް ތައްޔާރުކޮށްފައިވާ ވެކްސިންގެ ބޫސްޓާ ޑޯޒު ޖެހުން އެންމެ ރަނގަޅު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއެޗްއޯއިން ލަފާ ދީފަވީނަމަވެސް ބޫސްޓާ ޑޯޒު ޖަހާ މިންވަރު އިތުރު ކުރުމަކީ ތާއީދު ކުރާ، އިންސާފުވެރި ގޮތެއް ނޫން ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ވިދާޅުވީ އެ ޖަމިއްޔާއިން ތާއީދު ކުރަނީ ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ މީހުންނާއި ދިފާއީ ނިޒާމު ބަލި ކަށި އަދި އުމުރުން ދުވަސްވީ މީހުންނަށް ކޯވިޑްގެ ތިން ވަނަ ނުވަތަ ބޫސްޓާ ޑޯޒު ދިނުމަށެވެ. އެކަމަކު ތަރައްގީވެފައިވާ ގައުމުތަކުން މިހާރު އަމަލު ކުރަމުންދަނީ އެއާ އިދިކޮޅަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ތަރައްގީވެފައިވާ ޔޫރަޕާއި އެމެރިކާ އަދި އެނޫންވެސް ސަރަހައްދުތަކުގެ ގައުމުތަކުން ވަނީ ބޫސްޓާ ޑޯޒު، ވެކްސިން ޖެހޭ މުޅި އާބާދީއަށް ދޭން ފަށާފަ އެވެ. އެއީ ކޯވިޑުން ރައްކާތެރިވުމަށް ފިޔަވަޅު އަޅައި ގައުމުތަކުގެ އިގްތިސޯދު ހުޅުވާލައި އާންމު ހާލަތަށް ރުޖޫއަ ވުމަށް ކަމަށް ބުނެ އެވެ.

ޓެޑްރޮސް ވިދާޅުވީ ބޫސްޓާ ޑޯޒު ބޮޑެތި އާބާދީތަކުން ޖަހަން ފެށުމުން އަނެއްކާވެސް ވެކްސިން ލިބުން ދަތިވާނީ އެފްރިކާގެ ފަގީރު ގައުމުތަކަށެވެ. އެ ގައުމުތަކުގައި ފުރަތަމަ ޑޯޒު ނުޖެހޭ މީހުންވެސް ތިއްބަ މުއްސަނދި ގައުމުތަކުން ތިން ވަނަ ޑޯޒެއް ޖެހުމަކީ ފަގީރު ގައުމުތަކުގެ ރައްޔިތުންނަށް ވެވޭ ބޭއިންސާފެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަކި ބަޔަކަށް ނަމަވެސް ބޫސްޓާ ޑޯޒު ދޭން ފެށުމަކީވެސް ގޯހެއް ކަމަށެވެ. އެއީ ވެކްސިންގެ ޑޯޒު ވަކި ސަރަހައްދުތަކެއްގައި ދޭ ވަރު އިތުރު ކުރިޔަސް ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެކްސިން ދެވޭ މިންވަރު އިތުރު ކުރެވިގެން ނޫނީ ބަލިމަޑުކަމުން އަރައި ނުގަނެވޭނެތީ އެވެ.

ޔޫރަޕާއި އޭޝިއާ އަދި އެމެރިކާގެ ގައުމުތަކުގައި އާބާދީގެ 50 ޕަސެންޓަށް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ދީ ވަނީ ނިންމާފަ އެވެ. އެކަމަކު އެފްރިކާގެ އެއްވެސް ގައުމެއްގައި ވެކްސިންގެ ފުރަތަމަ ޑޯޒު އަދި ހަތް ޕަސެންޓަށްވުރެ އިތުރަށް ނުދެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް