އުރީދޫ ކަލަރ ރަންގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފިންހެއްޔެވެ. ނޫން ނަމަ އަވަހަށް އެކަން ކޮށްލާށެވެ. މާދައަކީ ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ދުވަހެވެ.
އެންމެ ފުރަތަމަ މި ދުވުން އުރީދޫއިން ބޭއްވީ މިދިޔަ އަހަރު އެވެ. މި އަހަރު ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 26 ވަނަ ދުވަހު ހުޅުމާލޭގައި އެވެ.
މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވާން ޖެހެނީ އުރީދޫގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
ރަޖިސްޓްރީ ވެވޭނެ ލިންކަކީ: http://ore.do/colorrun އެވެ.
އުރީދޫއިން ބުނީ ރެކޯޑު އަދަދަކަށް މީހުން ބައިވެރިވެގެން މިދިޔަ އަހަރު ކުރިޔަށް ގެންދެވުނު އެ ދުވުން މިއަހަރު ބާއްވާނީ އިތުރު ފޯރިއާއި ސަޕްރައިޒް ތަކާއި އެކު ކަމަށެވެ. އެގޮތުން މި އަހަރު ކަލާ ރަން ކުރިއަށް ގެންދަން ނިންމާފައިވަނީ މުޅި ދުވަހު ކުރިއަށް ދާ، އުފާވެރި ފެސްޓިވަލެއްގެ ގޮތުގައި އެވެ.
މި ދުވުމަކީ އާންމުކޮށް ދުވާ ފަރާތްތަކާއި އަލަށް ދުވާ ފަރާތްތަކަށް ބައިވެރިވެވޭ ދުވުމެކެވެ. ދުވުން ފެށުމުގެ ކުރިން މިއަހަރު، މަޑި އެރުވުމުގެ ފެސްޓިވަލެއް ހެނދުނު އޮންނާނެ ކަމަށާއި އަދި، ފޯރިގަދަ މިއުޒިކް ޝޯ އެއް އެ ދުވަހުގެ ރޭ ބާއްވާނެ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫ ކަލާ ރަންގައި ދުވަން ޖެހެނީ ފަސް ކިލޯ މީޓަރަށެވެ. ދުވުން ކުރިޔަށް ދާއިރު ކޮންމެ ކިލޯމީޓަރެއް ހުރަސް ކުރުމުން އެތަނެއްގައި ހުންނަ ކުލަ ސްޓޭޝަން ތަކުން އެކަން ފާހަގަކޮށް ކުލަ ޖަހަ އެވެ. އުރީދޫއިން ބުނީ މި ދުވުން ހިނގަމުން، ދުވަމުން، ޖޮގްކޮށްފައި އަދި ނަށަމުންވެސް ނިންމިދާނެ ކަމަށެވެ.
މީގެ ތެރެއިން ކޮންމެ ގޮތަކަށް މި ދުވުން ފުރިހަމަ ކުރިޔަސް ހުރިހާ ބައިވެރިންނަށް މެޑަލްދީ ނިމުން ފާހަގަ ކުރާނެ އެވެ. އަދި ދުވުމުގެ ފޯރި ގަދަ ކުރުމުގެ ގޮތުން އެންމެ ފެންސީ އަންހެން އަދި ފިރިހެން ދުވުންތެރިޔާ އާއި އެންމެ އެންޓަޓެއިނިން ދުވުންތެރިޔާ ހޮވާނެ އެވެ.
"ކަލާ ރަން" ގައި އުމުރުން ހަތް އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ އެވެ. ނަމަވެސް، އުމުރުން 12 އަހަރުން ދަށުގެ ކުދިންނާ އެކު ބެލެނިވެރިއަކު ބައިވެރިވާން ޖެހެ އެވެ.
މި ދުވުމުގެ ބައިވެރިންނަށް "ސްޓޭންޑާޑް" ކިޓެއް ނުވަތަ "ފަން" ކިޓެއް ނެގުމުގެ ފުރުސަތު ލިބެ އެވެ. ފަންސާސް ރުފިޔާ އަށް ލިބޭ ސްޓޭންޑާޑް ކިޓުގައި ހިމެނޭނީ ޓީޝާޓެއް އެކަންޏެވެ. އެކަމަކު، 200 ރުފިޔާ އަށް ދޭ ފަން ކިޓުގައި ޓީޝާޓެއްގެ އިތުރުން އަތުގައި އަޅާ އެތިކޮޅަކާއި ދަބަހަކާއި ކަރުދާސް ތޮތްޕެއް ވެސް ހިމެނެ އެވެ.
އުރީދޫން ބުނިގޮތުގައި، މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް "ކަލާ ރަން" ގެ އޮފިޝަލް ޗެރިޓީ ޕާޓްނަރެއް ހޮވައި، މި ދުވުމުގެ ކިޓްތައް ވިއްކައިގެން ލިބޭ ފައިސާގެ ވަކި ޕަސެންޓެއް އެ ފަރާތަކަށް ހަދިޔާ ކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް