ހިޖުރީ އާ އަހަރެއް ފެށޭއިރު ފާއިތުވެދިޔަ އަހަރުގެ ކަންތައްތަކާމެދު ފުންކޮށް ވިސްނައި، އާ ޢަޒުމްތަކެއް ކަނޑައެޅުމަށް މިއީ ލިބޭ ވަރަށް ރަނގަޅު ފުރްޞަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބުގަ އެވެ.
އެ ހިތާބުގައި ރައީސް ވިދާޅުވެފައި ވަނީ ހިޖުރީ އާ އަހަރަކާ އަޅުގަނޑުމެން ބައްދަލުކުރާއިރު، ފާއިތުވެދިޔަ އަހަރުގެ ކަންތައްތަކާމެދު ފުންކޮށް ވިސްނައި، އާ ޢަޒުމްތަކެއް ކަނޑައެޅުމަށް މިއީ ލިބޭ ވަރަށް ރަނގަޅު ފުރްޞަތެއް ކަމަށާއި އެހެންކަމުން، އަޅުގަނޑުމެންގެ މެދުގައިވާ އެއްބަނޑުއެއްބަފާކަމާއި އުޚުއްވަތްތެރިކަމުގެ ގުޅުން މިހާރަށްވުރެ ބަދަހިކޮށް، އެއްބަޔެއްގެ ގޮތުގައި އާ ރޫޙަކާއެކު މަސައްކަތް ކުރުމުގެ ޢަޒުމް ކަނޑައެޅުއްވުމަށް، މި ފުރްޞަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި ރާއްޖެ، ތަރައްޤީގެ މަގުގައި އާ އުސްމިންތަކަކަށް ގެންދިޔުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކަށް ރައްޔިތުން ފުރިހަމައަށް އެއްބާރުލުން ދެއްވުމަށާއި، އެކި މަޝްރޫޢުތައް އަވަހަށް ނިންމުމުގައި، ރައްޔިތުން އެއް ރޫޙަކާއެކު މަސައްކަތް ކޮށްދެއްވުމަށްވެސް ރައީސް ގެ ހިތާބުގައި ގޮވާލައްވާފައި ވެ އެވެ.
"ހިޖުރީ އާ އަހަރެއް ފެށުމުގެ މި އުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި އުޚުތުންނަށާއި އަޚުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަން، އަދި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، މި މުނާސަބަތުގެ ތަހުނިޔާ ދަންނަވަން، މާތްﷲ މި އުންމަތަށް ފޮނުއްވި މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި މަތިވެރި ހިޖުރައިގެ ހާދިސާއާ ހިޖުރީ ތާރީޚުގެ ފެށުން ގުޅިފައިވާއިރު، ހިޖުރައިގެ ހާދިސާއަކީ، އިސްލާމީ ދައުލަތެއްގެ ބިންގާ އެޅިގެންދިޔަ ހާދިސާއެއް، ހަމައެހެންމެ އެ ހާދިސާއަކީ، އިސްލާމީ އުންމަތުގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ވަރުގަދަ ގުޅުން އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދޭ ޢިބްރަތްތެރި ހާދިސާއެއްކަން ހަނދާންކުރަންޖެހޭ، ހަމައެއާއެކު، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން ހަރުދަނާކޮށް ދެމެހެއްޓުމަށް މާތްވެގެންވާ އިސްލާމްދީން ބާރުއަޅާފައިވާ މިންވަރު، އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސް، އެކަމުން އަޅުގަނޑުމެން ޢިބްރަތް ޙާޞިލުކުރަންޖެހޭ" ރައީސްގެ ހިޠާބުގައި ވެ އެވެ.
"މާތްﷲ، މި ފެށުނު 1437 ވަނަ އަހަރަކީ، ހުރިހާ ގޮތަކުންވެސް ދިވެހިރާއްޖެއަށް ތަރައްޤީއާއި ފާގަތިކަން ލިބެނިވި އަހަރެއް ކަމުގައި ލައްވާށިއެވެ! ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނަށާއި އުޚުތުންނަށް، ބާއްޖަވެރި އުފާވެރި އަހަރެއް ކަމުގައި ލައްވާށިއެވެ! އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ސާބިތުކަމާއެކު ދެމިތިބުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށިއެވެ! އަޅުގަނޑުމެންގެ މެދުގައި އެއްބަނޑުއެއްބަފާކަމާއި އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރައްވާށިއެވެ! އިސްލާމީ ޤައުމުތަކުގެ މެދުގައި ޞުލްޙައާއި އަމާންކަން ޤާއިމުކުރައްވާށިއެވެ! އާމީން." ރައީސްގެ ހިތާބުގައި އިތުރަށް ވިދާޅުވެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް