ގެއްލިފައިވާ ތަސްލީމް ހޯދުމަށް އިންޓަޕޯލްގެ ޔެލޯ ނޯޓިސް އަށް އެދިއްޖެ

މިދިޔަ މަހުގެ 30 ގައި ގެއްލިގެން ހޯދަމުން އަންނަ ތަސްލީމް ހޯދުމަށް އިންޓަޕޯލްގެ ޔެލޯ ނޯޓިސް އަށް ދިވެހި ފުލުހުން އެދިއްޖެއެވެ. ފުލުހުން މިކަން ހާމަކޮށްފައިވަނީ މިކަމާއި ގުޅޭގޮތުން ދެންމެ ނެރުނު ނޫސްބަ...

14 Sep 2024 | 08:22

މިދިޔަ މަހުގެ 30 ގައި ގެއްލިގެން ހޯދަމުން އަންނަ ތަސްލީމް ހޯދުމަށް އިންޓަޕޯލްގެ ޔެލޯ ނޯޓިސް އަށް ދިވެހި ފުލުހުން އެދިއްޖެއެވެ.

ފުލުހުން މިކަން ހާމަކޮށްފައިވަނީ މިކަމާއި ގުޅޭގޮތުން ދެންމެ ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ފުލުހުން ބުނެފައިވަނީ ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮތް ފަސްގަނޑަށް ދަތުރުގޮސް އުޅެނިކޮށް، ކ. މާލެ، މ. އަސަރީހަނދާން އުމުރުން 43 އަހަރުގެ ތަސްލީމް މުހައްމަދު ވީނުވީއެއް ނޭނގި ގެއްލިފައިވާތީ މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.

ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައިވަނީ ތަސްލީމް ދަތުރުގޮސް އުޅުނު ފަސްގަނޑު ބަލައި ފާސްކުރުމުގެ މަސައްކަތާއި މެރިން ޕޮލިސް އާއި އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ހިއްސާކުރިކަމަށާއި އަދި ތަސްލީމް ހޯދުމުގެ މަސައްކަތުގައި ފުލުހުންގެ ޑައިވިންގ ޓީމް ވަނީ ފަސްގަނޑު ހިމެނޭ މޫދު ސަރަހައްދު ޑައިވްކޮށްގެން ބަލާފައިކަމަށާއި ހަމައެއާއެކު އެމްއެންޑީއެފްގެ ޑައިވިން ޓީމުން ވަނީ އޯގަސްޓް 31 އިން ސެޕްޓެމްބަރ އެކަކަށް އދި ސެޕްޓެމްބަރ ހަވަނަ ދުވަހު (ޖުމްލަ ތިން ދުވަހު) 943،997 އަކަމީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލާފައި ކަމަށެވެ.

"ތަހުގީގަށް ލިބުނު މައުލޫމާތުން އެނގޭގޮތުގައި، ހުވަފެންފުށި ކައިރީގައި އޮތް ފަސްގަނޑަށް ދަތުރު ދިއުމަށްޓަކައި މި ދަތުރުގެ ބައިވެރިން ދަތުރަށް ފުރާފައިވަނީ އޯގަސްޓް 29 ވަނަ ދުވަހުގެ ހަވީރު، މާލޭގެ ދެކުނު ފަރާތުގެ ބަނދަރުން، މި ދަތުރު ގޮސްފައިވަނީ ތަސްލީމް ހިމެނޭހެން ޖުމްލަ 25 މީހުންނާއި ދެ ކުޑަކުދިން، މި ދަތުރަކީ ބައިވެރިންގެ ތެރެއިން މީހެއްގެ އުފަންދުވަސް ފާހަގަކުރުމަށާއި އެންގޭޖްމަންޓް ޕާޓީއެއް ބޭއްވުމުގެ ބޭޏުމުގައި ގޮސްފައިވާ ދަތުރެއް، ތަސްލީމް ދަތުރުގައި ބައިވެރިވީ ދަތުރު ރޭވި މީހުންގެ ރައްޓެހި ރަހްމަތްތެރިކަމުގައި ޕާޓީއަށް ތައްޔާރުކުރާ ބެކްޑްރޮޕް އަދި ލައިޓިންގެ ކަރަންޓު މަސައްކަތް ކުރުމަށް" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ އެ ރެއާއި ޖެހިގެން އައި ދުވަހު ދަތުރުގެ ބައިވެރިންނާއެކު ތަސްލީމް ހަރަކާތްތެރިވެފައިވާކަން ފޮޓޯ، ވީޑިއޯތަކުން އެނގޭ ކަމަށާއި އެންމެ ފަހުން ތަސްލީމު ފެނިފައިވަނީ 30 ވަނަ ދުވަހުގެ ހެނދުނު 07:45 އާއި 09:00 އާއި ދޭތެރޭގައި ކަން ތަހުގީގަށް އެނގިފައިވާކަމަށެވެ. އަދި އޭނާ މާލެދާން ބޭނުންވާ ވާހަކަ ބުނުމުން އެ ދުވަހުގެ 10 އާއި 11 އާއި ދޭތެރޭގައި މާލެއިން ފުރި ލޯންޗުގައި ތަސްލީމް މާލެ ފޮނުވާލަން ދަތުރުގެ ބައިވެރިން އޭޏާ ހޯދުމުން ފެނިފައިނުވާތީ، އޭނާ އެހެން ލޯންޗެއްގައި މާލެ ގޮސްފައިވޭތޯ ބެލުމަސް ދަތުރުގެ ބައިވެރިން ތަސްލީމްގެ އާއިލާއަށް ގުޅައި މައުލޫމާތު ސާފުކުރިކަމަށެވެ. އަދި ތަސްލީމް މާލެ ނާންނަކަމަށް އާއިލާއިން މައުލޫމާތު ދިނުމުން ހޯދުމުގެ މަސައްކަތް ދަތުރުގެ ބައިވެރިން ފެށި ކަމަށެވެ.

"ތަހުގީގުގައި ތަސްލީމް މުހައްމަދާއެކު ދަތުރުދިޔަ މީހުންނާއި ސުވާލުކުރުމުގެ އިތުރުން، ފަސްގަނޑަށް ދަތުރުދިޔަ އިތުރު ގްރޫޕެއްގައި ހިމެނޭ 12 މީހަކާވެސް ސުވާލުކޮށްފައިވާނެ، ތަސްލީމް ބޭނުންކުރި ފޯނާއި ލެޕްޓޮޕް ފޮރެންސިކް ތަހުލީލު ކުރުމުގެ މަސައްކަތް ފަށައި، ދެ ލޯންޗުވެސް ބަލައި ފާސްކޮށްފައިވާނެ، މީގެ އިތުރުން ތަސްލީމް އާންމުކޮށް މާލޭގައި ގޮސް އުޅޭ ސަރަހައްދުތައްވެސް ބަލާ ފާސްކޮށްފައިވާނެ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ ތަހުގީގު ކުރަމުންދާއިރު މައްސަލައާއި ގުޅޭގޮތުން ތަސްލީމްގެ އާއިލާއާ ފުލުހުން ބައްދަލުކޮށް މައުލޫމާތު ސާފުކުރުމުގެ އިތުރުން މައްސަލައިގެ ތަހުގީގު ކުރިއަށްދާގޮތުގެ މައުލޫމާތުވެސް އާއިލާއާއި ހިއްސާކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް