ކުނބުރުދޫ ފަޅު ހިއްކައި، ސްކޫލާއި ސިއްހީ މަރުކަޒާއި ބަނދަރުގެ ޖާގަ ބޮޑުކޮށްދޭނަން: މުއިއްޒު

އދ. ކުނބުރުދޫ ފަޅު ހިއްކައި، ސްކޫލާއި ސިއްހީ މަރުކަޒާއި އަދި ބަނދަރުގެ ޖާގަ ބޮޑުކޮށްދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު މިހެން ވިދާޅުވީ، ރިޔާސީ ކ...

14 Sep 2023 | 18:15

އދ. ކުނބުރުދޫ ފަޅު ހިއްކައި، ސްކޫލާއި ސިއްހީ މަރުކަޒާއި އަދި ބަނދަރުގެ ޖާގަ ބޮޑުކޮށްދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، ރިޔާސީ ކެމްޕޭނަށް މިއަދު އަރި އަތޮޅަށް ވަޑައިގެން އެރަށު ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މުއިއްޒު ވިދާޅުވީ ކުނބުރުދުއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންތަކަކީ ބިން އިތުރު ކުރުން ކަމަށެވެ.

ރަށު ފަޅުތެރޭގައި މާާ ބޮޑު ޖާގައެއް ވެސް ނެތް ނަމަވެސް އެއީ ކޮންމެހެންވެސް ކުރަން ޖެހިފައިވާ މަސައްކަތެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ސަބަބަކީ ރައްޔިތުންގެ އުންމީދާ ގުޅިފައިވަނީ ބިމުގެ ޖާގަ އިތުރު ކުރުމުގެ މަޝްރޫއަށް ވާތީ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑު ފުރަތަމަވެސް ދަންނަވާލަން ބޭނުންވަނީ،30 ސެޕްޓެމްބަރުގަ އޮން އިންތިހާބުގަ ތިބޭފުޅުންގެ ފުރިހަމަ އެއްބާރުލުމާ އެކީގަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކާމިޔާބު ވާނެ. ވެގެން އަޅުގަނޑުމެންގެ ސަރުކާރުގަ ތިބޭފުޅުންނަށް މި ފަޅުތެރެއިން ހިއްކެން އޮތް އެންމެ ބޮޑު މިނަކަށް ހިއްކަދޭނެ ވާހަކަ" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އެންވައިރަންމެންޓަށް އިމްޕެކްޓް އެސެސްމެންޓުން ޖާގަ ދޭނެ އެންމެ ބޮޑުކޮށް އެކަން ކުރެވޭނެ އެންމެ ރަނގަޅަށް ކޮށް ނިންމައިދޭނެ ކަމަށެވެ.

އަދި އެ އުފެދޭ ބިމުގައި، ބޭނުންވާާ އެކިއެކި ލޭންޑްޔޫސް ޕްލޭން ހަދައިގެން، ކަންތައްތައް ކުރަން މަސައްކަތް ކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިހާރު ހުރި ބިމުގައިވެސް އެކި ކަންތައްތައް ކުރަން ކަނޑައެޅިފައި ހުންނާނެ ކަމަށާއި، ނަމަވެސް ބިން އިތުރު ވުމުން ނޫނީ ގެދޮރު ދިނުމާއި ކުޅިވަރު އެހެން ވަސީލަތްތައް ގާއިމު ކުރުން ފަދަ ކަންކަމަކަށް ޖާގައެއް އިތުރެއް ނުވާނެކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ފުރަތަމަވެސް އެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އޭގެ އިތުރުން ކުނބުރުދޫގައިވެސް ހުރީ އެހެން ރަށްރަށުގައި ވެސް ހުރި ކަންބޮޑުވުންތައް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން ސިއްހީ ނިޒާމު ރަނގަޅު ކުރުމާއި، ސްކޫލު ޖާގަ އިތުރުކޮށް ކުޅިވަރު ވަސީލަތްތައް ގާއިމު ކުރުމަކީ ކުނބުރުދޫއަށް ވެސް ބޭނުންވާ ކަންކަން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެހެންވީމާ ހެލްތް ސެންޓަރުގެ ޖާގަ އިތުރު ކުރުމާ، ސްކޫލަށް ބޭނުންވާ ޖާގަ، މަލްޓިޕާޕަސް ހޯލު އިތުރު ކުރުމާ މި ކަންކަމަކީ ތިބޭފުޅުން އެދިލައްވާފަ ވާ ގޮތަށް އަޅުގަނޑުމެން ކުރާނެ ކަމެއް ކަމުގާ ދަންނަވަން" މުއިއްޒު ވިދާޅުވިއެވެ.

އޭގެ އިތުރުން މުއިއްޒު ވައުދުވެވަޑައިގަތީ ކުނބުރުދޫ ބަނދަރުގެ ޖާގަ ބޮޑު ކޮށްދިނުމަށެވެ. އަދި އެ މަޝްރޫއު ވެސް ކުރިއަށް ގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން މުއިއްޒު އެދިވަޑަައިގަތީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށްވުރެ ބޮޑު ތާއީދެއް ހޯދައިދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް