ކަމެއް ގޯސްވެގެން އުޅޭކަމުގެ ފުރަތަމަ އަލާމާތަކީ ކުއްތާތައް ހަޅޭއްލަވައިގަތް އަޑެވެ.
އޭރު ގަޑިން ދަންވަރުގެ 2:30 ހާއިރެވެ. ލީބިޔާގެ ޑެރްނާ ސިޓީގެ އެކައުންޓެންޓެއް ކަމަށްވާ އުމުރުން 31 އަހަރުގެ ހުސާމް އަބްދުލްގާވީ އަށް ކުއްލިއަކަށް ހޭލެވިގެން ތެދުވެ ތިރިއަށް ދިޔަވަގުތު އޭނާގެ ފައިދަށުން ފެން އިހުސާސް ކުރެވުނެވެ.
ހުޝާމް އޭނާގެ ކޮއްކޮ އިބްރާހީމާ އެވާހަކަ ހިއްސާކޮށް ގޭގެ ކުރިމަތީ ދޮރު ހުޅުވާލިއެވެ. އެވަގުތު އިތުރަށް ގޭ ތެރެއަށް ފެންވަދެ، އެތަނުގެ ހިންގްތަކުން ގޭގެ ދޮރު ދަމައިގަތެވެ.
އަލްޤުއްބާ ސިޓީން ފޯނުން ދެއްވި އިންޓަވިއުއެއްގައި ހުޝާމް ކިޔައިދިން ގޮތުގައި ދެބެން ދުވެފައި ގޮސް ފަހަތު ދޮރާއި ދިމާލަށް ދިޔައިރު އެމީހުންނަށް ފެނުނީ "ހީވެސް ނުކުރެވޭ ފަދަ ބިރުވެރި މަންޒަރެއް، މަރުވުމަށްވުރެ ވެސް ބިރުވެރި ނުރައްކާތެރި މަންޒަރެއް" ކަމަށެވެ. "އަންހެނުންނާއި ކުޑަކުދިންގެ ހަށިތައް އަހަރެމެންގެ ފަހަތުން އޮޔާ ދާތަން ފެނޭ. ކާރުތަކާއި މުޅި ގެތައްކަށް ވަނީ ކަރަންޓު ވަދެފަ. ބައެއް ހަށިތައް ފެނާ އެކީ އޮޔާ އަހަރެމެންގެ ގެއަށް ވަދެގެން ދިޔައީ."
ހުޝާމްއާއި އިބްރާހީމް އަށްވެސް ފެނުން އަރައިގަނެ، އެދެމީހުން ހީކުރި ވަރަށްވުރެ ދުރަށް ހަލުވިކަމާއެކު ދަމައިގަނެގެން ދިޔައެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އެމީހުނަށް ތިބެވުނީ 150 މީޓަރު ގެ ދުރުމިނެއްގައެވެ.
އުމުރުން 28 އަހަރުގެ އިބްރާހިމް ވަނީ މަގުމަތީގެ ތަނބުތަކުގައި ހަރުކޮށްފައި ހުރި ފްލޯޓިން ޕަވާ ކޭބަލްތަކުގައި ހިފަހައްޓަމުން، ހުޝާމް ތާށިވެފައި ހުރި ހިސާބަށް އެނބުރި ގޮސްފަ އެވެ.
ދެން އެދެބެން ކޭބަލްތަކުގެ އެހީގައި ކައިރީގައި ހުރި އިމާރާތެއްގެ ތިންވަނަ ފަންގިފިލާގެ ބިއްލޫރިގަނޑަކުން އެތެރެއަށް ދެމިގަތެވެ. އެތަނުން އެމީހުން އެހެން އިމާރާތަކަށް ވަދެ އެ އިމާރާތުގެ ސިޑިތަކުން ފަސްވަނަ ފަންގިފިލާގެ ފުރާޅުގެ މައްޗަށް އެރިއެވެ.
"އަހަރެމެން ތިބި ސަރަހައްދަކީ އެ ސިޓީގެ އުސް ސަރަހައްދެއް،" ހުޝާމް ކިޔައިދިނެވެ. "އަޅުގަނޑަކަށް ނުފެނޭ ފަސްވަނަ ފަންގިފިލާނުވަތަ ހަވަނަ ފަންގިފިލާގެ އެއްވެސް މީހަކު ސަލާމަތްވެފައި ހުރި ކަމަކަށް. އަޅުގަނޑަށް ހީވަނީ އެ އެންމެން ވެސް މަރުވެފައިވާހެން. الله ތަޢާލާ އެބައިމީހުންގެ ފުރާނައަށް ރަޙްމަތް ލައްވާށި."
ތޫފާން ދާނިޔަލްއާ ގުޅިގެން ލީބިޔާއަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާގައި މިހާތަނަށް 5،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަން މިހާރު ވަނީ އެނގިފަ އެވެ. ޑެރްނާގެ މޭޔަރު ވަނީ 20،000 މީހުންގެ ފުރާނަ ގެއްލިދާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް