ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިއްތިހާދު އިތުރަށް ފުޅާކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއެކު ފެށި މަޝްވަރާތައް12 ގަޑިއިރަށްފަހު ނިންމާލާފިއެވެ.
ބައްދަލުވުން ނިންމާލާފައި ވީ ނަމަވެސް، ކޯލިޝަން ހެދުމާ މެދު ޖޭޕީއިން އަދި ވަކި ގޮތެއް ނުނިންމައެވެ.
މި މަޝްވަރާތައް ކުރިއަށް ގޮސްފައި ވަނީ ގާސިމްގެ ސަން އައިލެންޑް ރިސޯޓްގައެވެ. ރައީސް ސޯލިހު އެ ރިސޯޓަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ.
ރައީސް ސޯލިހް ސަން އައިލެންޑަށް ވަޑައިގެންނެވުމަށްޓަކައި މާމިގިލީ އެއާޕޯޓަށް ވަޑައިގެންނެވީ ގާސިމްގެ އެއާލައިން، ވިލާ އެއާގައެވެ.
މާމިގިއްޔަށް ވަޑައިގެންނެވުމުން ރައީސް ސޯލިހަށް މަރުހަބާ ދެންނެވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އޭނާގެ ބައެއް އެޑްވައިޒަރުން ވަޑައިގެންނެވިއެވެ. އެ އެޑްވައިޒަރުންގެ ތެރޭގައި އަލީ ވަހީދާއި ނިހާން ހިމެނިވަޑައިގަންނަވައެވެ.
ގާސިމް-އިބޫގެ މަޝްވަރާތައް ފެށިގެން ކުރިއަށްދާއިރު ދެވަނަ ބުރުގައި އިއްތިހާދުވާނެ ކެނޑިޑޭޓަކު ނިންމުމަށް ޖޭޕީން އިއްޔެ ކައުންސިލް ބައްދަލުވުމެއް ބާއްވަން ކުރިން ތާވަލުކުރިއެވެ. އެހެންނަމަވެސް މަޝްވަރާތަކަށް ލީޑަރަށް އިތުރު ވަގުތު އެރުވުމުގެ ގޮތުން ކައުންސިލްގެ އެ ބައްދަލުވުން މިހާރު ވަނީ ފަސްކޮށްފައެވެ.
ދެވަނަ ބުރުގައި އިއްތިހާދުވާނެ ވަކި ކެނޑިޑޭޓެއް ގާސިމް އަދި ނިންމާފައިނުވާއިރު އިއްޔެ ޑރ. މުއިއްޒުގެ ފަރާތުން ނެގޯޝިއޭޝަން ޓީމުން ގާސިމްގެ އަރިހަށް ސަން އައިލެންޑަށް ވަޑައިގެން މަޝްވަރާތައް ކުރިއަށްގެންދެވިއެވެ. ނެގޯޝީއޭޝަން އެ ޓީމުގައި ޑރ. މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް