ހަރުކަށި ފިކުރާ ގުޅުވާ މައްސަލައަށް ޝަހީމް: ހިމަންދޫ ހަމަޔަކަށް އެޅުވީ ޔާމީނު ސަރުކާރުން

ޕީޕިއެމް/ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ ގުޅިވައި ހަރުކަށި ފިކުރުގެ ވާހަކަަތައް ފަތުރާ މައްސަލައަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރައްދުދެއްވައިފިއެވެ. ޑރ. މުއިއްޒުގެ ކެމްޕޭ...

14 Sep 2023 | 13:59

ޕީޕިއެމް/ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ ގުޅިވައި ހަރުކަށި ފިކުރުގެ ވާހަކަަތައް ފަތުރާ މައްސަލައަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރައްދުދެއްވައިފިއެވެ.

ޑރ. މުއިއްޒުގެ ކެމްޕޭނަށް އއ. ފެރިދޫއަށް ވަޑައިގަންނަވާ ދެއްކެވި ވާހަކަފުޅުގައި ޝަހީމް ވިދާޅުވީ، މުއިއްޒުއާ ގުޅުވައިގެން ހަރުކަށި ފިކުރުގެ ވާހަކަ ސަރުކާރުން ވަރަށް ބޮޑަށް ދައްކާ ކަމަށާއި އެންޓި ކެމްޕޭންގެ ގޮތުގައިވެސް އެ ވާހަކަ ބޭނުން ކުރާ ކަމަށެވެ.

"އެމަނިކުފާނު ވެރިކަމަށް ވަޑައިގެންފިނަމަ ހަރުކަށި ފިކުރަށް ބަދަލުވެގެން ހިނގައިދާނޭ، އެގޮތަށް ބުނެ އެތައް ވާހަކައެއް ފަތުރަމުންދޭ .ބައްލަވާ މި އަތޮޅާ ކައިރީގަ އޮތް ރަށެއްގަ ހިނގާދިޔަ ދީނީ ހަމަނުޖެހުންތަކާ އެކިއެކި ހިޔާލު ތަފާތުވުމުގެ ސަބަބުން އެރަށުގެ ތެރޭގަ އުފެދުނު އިޖްތިމާއީ ނުރައްކާތެރި ކަންތައްތައް ހައްލުކުރީ ކޮންބައެއްތޯ؟ އާދެ، ރައީސް ޔާމީންގެ ސަރުކާރުން، ދީނީ ގޮތުން ހައްލުކޮށް އެއްބައިވަންތަކަން ގާއިމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުން މިއަދު މުއިއްޒު އަރިހުގަ މި ތިބީ، އާދެ އެއީ އަޅުގަނޑުމެން" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ، އެފަދަ ކިތަންމެ ކަމެއް ރާއްޖޭގައި އޭރު ފެތުރިފައި އޮތް ކަމަށެވެ.

އެގޮތުން މާލޭގައިވެސް ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރުމާއި، ތަފާތު ފިކުރުތަކުން މުޖްތަމައު އޮތީ ބައިބައިވެފައި ކަމަށް ޝަހީމް ވިދާޅުވިއެވެ.

އެއް ދުވަސްވަރެއްގަ ދިވެހި ސިފައިން ބައެއް ރަށްތަކަށް އަރައި، ތަފާތު ފިކުރުގެ މީހުންނާ ހަނގުރާމަކޮށް ވަރަށް ގިނަ ނުރައްކާތެރި ކަންތައްތައް ހިނގާފައި ވާކަން ފާހަގަ ކުރައްވައި ޝަހީމް ވިދާޅުވީ، އެކަންތައްތައް ހައްލުކުރީ އަސްކަރީ ބާރުވެރިކަމެއް ނެތި އިލްމުގެ ޒަރީއާއިން ކަމަށެވެ.

އަދި އެކަން ހައްލުކުރި މީހުން މުއިއްޒު އަރިހުގައި މިހާރުވެސް އެބަ ތިބި ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އެފަދަ އައްޑާތަކުގަ ތަފާތު ހިޔާލުތައް އުފެދިގެން މުޖްތަމައު ބައިބައިވެ ދީނީ އެއްބައިވަންތަކަން ގެއްލިފައިވަނިކޮށް ސަރުކާރުން އެކަންކަން ހައްލުކުމުގެ އެންމެ އިސްކޮށް ހުރި މީހަކީ އެމަނިކުފާނު ކަމަށެވެ.

މިހާރު ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރާ މިސްކިތްތަކެއް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައެއް ނުހުންނާނެ ކަމަށާއި އެކަންކަން ހައްލުކުރި ކުރީގެ ސަރުކާރުން ކަން ފަހުރުވެރިކަމާއެކު ވިދާޅުވާން ކެރޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.

އެހެންކަމުން މިހާރުވެސް ޑރ. މުއިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބު ކުރެވިއްޖެނަމަ މެދުމިންކަމުގައިވާ އިސްލާމީ ހަމަތަކާ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ގާއިމްކުރުމަށް ހަރުދަނާ ސްޓްރެޓަޖީއެއްގެ ދަށުން އެމަނިކުފާނު މަސައްކަތް ކުރައްވާނެ ވާހަކަ އެމަނިކުފާނު މެނިފެސްޓޯގައި ބަޔާންކޮށްދެއްވާފައި ވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް