ކުރީގެ ރަައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލުން މިނިވަން ކުރަން ނުހަނު ބޭނުންފުޅުވާ ކަމަށް އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ޓީމާއެކު އއ. ފެރިދޫއަށް ވަޑައިގަންނަވާ ދެއްކެވި ވާހަކަފުޅުގައެވެ.
ނާޒިމް ވިދާޅުވީ ގައުމު ވަނީ ވަރަށް ގޯސް ހާލަތަކަށް ގޮސްފައި ކަމަށެވެ. އެގޮތުން ރާއްޖޭގައި ހާރިޖި ސިޔާސަތެއް ނެތް ކަމަށާއި، ވަކި ގައުމެއްގެ މައްޗަށް މިގައުމު މުޅިން އަޅުދާސްވެގެން އުޅޭތަން ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސޯދު ބިނާ ކުރަމުން ދަނީ ވަކި ގައުމެއްގެ މައްޗަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.
ރާއްޖޭގެ ކަންކަން ހިންގަމުން ދަނީ ދިވެހިން ބޭނުންވާ ގޮތުގެ ބަދަލުގައި ބޭރު ގައުމެއްގެ މީހުން ބޭނުންވާ ގޮތަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.
އެހެންކަމުން، މިކަންކަން ރަނގަޅު ކުރުުމަށް ގުޅިގެން މަސައްކަތް ކުރަމުން ދާކަމަށް ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން ނާޒިމް ވިދާޅުވީ، ތަފާތު ދޮގު ވާހަކަތައް ދައްކައި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެމްއެންޕީއިން ޕީޕީއެމް/ޕީއެންސީއާ ގުޅުނީ މި ގައުމު ސަލާމަތް ކުރުމަށް ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި މި ގައުމު ސަލާމަތް ކުރުމަށް އެއްބަސްވެ އެކުލަވާލި އެއްވެސް ސަރުތެއް ނޯންނާނެކަން ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑޭ އެންމެ ބޮޑަށް ބޭނުންވަނީ ރައީސް ޔާމީން މިނިވަން ކުރަން. އަޅުގަނޑެއް ނޭދެމޭ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި މީހަކު ޖަލުގަ އޮންނާކަށް" ނާޒިމް ވިދާޅުވިއެވެ.
ވަކި ބޭފުޅަކަށް ހަރާން ހުކުމެއް ކޮށްގެން ޖަލުގައި ބޭއްވުމަކީ ގަބޫލުކުރާނެ ކަމެއް ނޫން ކަމަށާއި، ބޭނުންވަނީ ޔާމީނު މިނިވަންވެ، އެކުގައި މަސައްކަތް ކުރާނެ ދުވަހެއް ދެކެން ކަމަށް ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން ނާޒިމް ވިދާޅުވީީ ޕީޕިއެމް/ޕީއެންސީ ކޯލީޝަންގެ މެނިފެސްޓޯގަ ތަފާތު މުހިންމު މަސައްކަތްތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން ފެރިދޫގެ ޒުވާނުންނަށްވެސް ފަހި ފުރުސަތުތަކެއް އެބަހުރި ކަމަށް ނާޒިމް ވިދާޅުވިއެވެ. އޭގެ ތެރޭގައި ގެސްޓްހައުސް ވިޔަފާރިއާއި ތަފާތު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުސަތު އެބަ އޮތް ކަމަށް ނާޒިމް ވިދާޅުވިއެވެ.
"އިންވެސްޓްމެންޓް ބޭންކް އަންނަ ގޮތަށް އެބަ އޮތް، ލުއިލޯނުތައް ލިބެން އެބަ އޮތް. ތަރައްގީއާ އިގްތިސާދު ކުރިއެރުވޭނެ ގޮތް އެބަ އޮތް" ނާޒިމް ވިދާޅުވިއެވެ.
އެހެންކަމުން ކުރިއަށް ފެނިގެންދާނީ އުޖާލާ ޒަމާނެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް