ހެލްތު އެންޑް ސޯޝަލް ހެލްތު ސެކްޓަރ އަދި ސޯޝަލް ސާވިސް މެޓްރިކްސްތަކުގައި ހިމެނޭ މުވައްޒަފުންގެ މުސާރައާއި ގުޅޭ ނިންމުންތަކެއް ރައީސް ނިންމަވައިފި

ހެލްތު އެންޑް ސޯޝަލް ހެލްތު ސެކްޓަރ އަދި ސޯޝަލް ސާވިސް މެޓްރިކްސްތަކުގައި ހިމެނޭ މުވައްޒަފުންގެ މުސާރައާއި ގުޅޭ ނިންމުންތަކެއް ރައީސް ނިންމަވައިފިއެވެ. މިގޮތުން މޭ އެކަކުން ފެށިގެން ދައުލަތުގެ ޕޭ ފްރޭ...

14 Sep 2023 | 11:51

ހެލްތު އެންޑް ސޯޝަލް ހެލްތު ސެކްޓަރ އަދި ސޯޝަލް ސާވިސް މެޓްރިކްސްތަކުގައި ހިމެނޭ މުވައްޒަފުންގެ މުސާރައާއި ގުޅޭ ނިންމުންތަކެއް ރައީސް ނިންމަވައިފިއެވެ.

މިގޮތުން މޭ އެކަކުން ފެށިގެން ދައުލަތުގެ ޕޭ ފްރޭމްވޯކަށް ހިޖުރަކުރި ސިއްހީ ފަންނުވެރިންގެ ފަރާތުން ރައީސަށް ހުށަހަޅުއްވާފައިވާ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީއާ މަޝްވަރާކުރެއްވުމަށްފަހު ޕޭ ފްރޭމްވޯކަށް ހިޖުރަކުރި ސޯޝަލް ސާވިސް މެޓްރިކްސްތަކުގައި ހިމެނޭ މުވައޒަފުންގެ ތެރެއިން ރަސްމީ ބަންދު ދުވަހު އޮފީހަށް ހާޒިރުވާ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ލިބޭގޮތަށް ހަމަޖެއްސެވުމަށް ރައީސް މިވަނީ ނިންމަވާފައެވެ.

މީގެ އިތުރުން ޕޭ ފްރޭމްވޯކަށް ހިޖުރަކުރި މުވައްޒަފުންގެ ތެރެއިން ހެލްތު އެންޑް ސޯޝަލް ހެލްތު ސެކްޓަރުގެ މެޓްރިކްސްތަކުގައި ހިމެނޭ ޑިއުޓީ އުސޫލުން ރަސްމީ ބަންދު ދުވަހު އޮފީހަށް ހާޒިރުވާ މުވައްޒަފުންނަށްވެސް ހާޒިރީ އިނާޔަތް ލިބޭގޮތަށް ހަމަޖެއްސެވުމަށް ރައީސް ވަނީ ނިންމަވާފައެވެ.

ރައީސް މި ނިންމެވުންތައް ނިންމާފައިވަނީ ސިއްހީ ފަންނުވެރިންގެ ފަރާތުން ރައީސް އޮފީހަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރެއްވުމަށްފަހު، ޕޭ ފްރޭމްވޯކަށް ހިޖުރަކުރުމުން މި ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވަމުންދާކަމަށް އެމަނިކުފާނަށް ގަބޫލުކުރެވޭތީއާއި، ކުރިމަތިވަމުންދާ ދަތިތަކަށް ރިއާޔަތްކުރެއްވުމާއެކު، މި ދާއިރާތަކުގެ އެކި ބޭފުޅުންނާ މަޝްވަރާކުރައްވައި، އެ ބޭފުޅުންގެ ލަފަޔާ އިރުޝާދުގެވެސް މަތީން ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވިއެވެ.

އެހެންކަމުން މި ނިންމެވުންތަކާއެކު ސިއްހީ ފަންނުވެރިންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލުލިބިގެންދާނެކަންވެސް މިއުވާނު ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް