ވޯޓުލާން ޓެމްޕްލޭޓް ބޭނުންކުރީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 45 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ރިޔަސީ އިންތިހާބުގެ ފުރަތަމަ ބުރަކީ ޓެމްޕްލޭޓް ބޭނުންކޮށްގެން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ވޯޓުލީ ފުރަތަމަ ފަހަރެވެ.
ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން އެހީތެރިޔަކާ ނުލާ ވޯޓު ލުމުގެ ހައްގު ހޯދައިދިނުމަށް، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 45 ވަނަ މާއްދާގެ (ށ)ގެ ފަހަތަށް (ނ)ގެ ގޮތުގައި އަކުރެއް އިތުރުކުރުމަށާއި، 45 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރު ކުރުމަށް، ސަރުކާރުން ހުށަހަޅައިގެން މަޖިލީހުން ފާސްކުރީ މި އަހަރުގެ ޖޫން މަހުގެ 19 ގައެވެ.
އެ ބިލު ރައީސުލްޖުމްހޫރިްޔާ ތަސްދީގު ކުރެއްވީ ޖޫން 22 ގައެވެ.
އީސީގެ ރައީސް ފުއާދު ތައުފީގު އޭރު ވިދާޅުވީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަސް ވޯޓު ކަރުދާހާއެކު ޕްލާސްޓިކް ޓެމްޕްލޭޓެއް ދޭނެ ކަމަށެވެ. އެ ޓެމްޕްލޭޓްގެ އެހީގައި، ކެންޑިޑޭޓުންގެ ނަންބަރުތައް އެނގޭނެ ކަމަށް ފުއާދު ވިދާޅުވިއެވެ.
ގާނޫނު ބުނާގޮތުން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓު ކަރުދާސް އަދި ޓެމްޕްލޭޓް ދޫކުރުމަށްފަހު، އެމީހަކު ވޯޓިން ބޫތަށް ދާ ވަގުތުން ފެށިގެން ވޯޓު ކަރުދާހުގައި ފާހަގަ ޖަހައި ވޯޓު ފޮއްޓަށް އެ ވޯޓު ކަރުދާސްކޮޅު ވައްޓާލަންދެން އިލެކްޝަންސް ކޮމިޝަންގެ އެއްވެސް އޮފިޝަލަކު ނުވަތަ އެ ނޫންވެސް މީހަކު އެ ތަނުގައި ހާޒިރުވެ ހުރެގެން ނުވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް