ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އަބުރު ކަތިލަން މަސައްކަތް ނުކުރެއްވުމަށް އެ ކޯލިޝަން ވަގުތީގޮތުން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައިފިއެވެ.
ޑރ. މުއިއްޒުގެ ކެމްޕޭނަށް އއ. ބޮޑުފޮޅުދޫއަށް ވަޑައިގަންނަވާ ދެއްކެވި ވާހަކަފުޅުގައި އަދުރޭ ވިދާޅުވީ، މި ސަރުކާރު މިހާރު ނިމިފައިވާ ކަމަށެވެ.
"ނޭވާލެވޭނެ ގޮތެއް ނެތް، ނޭވާ ހޮޅިއަށްއެޅި ފަހުނޭވާ ލުމުގެ މަގުމަތީގަ މިހާރު އެ އޮތީ، ދެން އޮތީ ހަމަ ދޮޅި ދަމާލާފަ ފަހު ނޭވާ ދޫކޮށްލުން، އެކަން މި މަހުގެ 30 ވަނަ ދުވަހު ވާނެ" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާ ފާގަތިކަން ގެނެސްދިނުމަށާއި ހަމަ ހަގީގަތުގަވެސް ދިވެހީންގެ ރާއްޖެއެއް ބިނާކުރުމަށް އަތުކުރި އޮޅާލައިގެން ތިބި ކަމަށެވެ.
އަދި މި ގައުމުގައިމި ގައުމުގެ ބޭރުގެ ސިފައިން ތިބެނ ބޭނުން ނުވާ ކަމަށްް އަދުރޭ ވިދާޅުވިއެވެ.
"ފުރަތަމަ ބުނީ (ބެރު ސިފައިން) ނެތޭ، ދެން ބުނީ ތިއްބޭ، ދެން ބުނީ ހަތިޔާރެއް ނެތޭ، ދެން ބުނީ އުތުރު ތިލަފަޅުގައޭ ތިބީ، ދެން ބުނީ އެއީ ޓްރޭނިން ހަދަން އައިސްތިބި ބައެކޭ" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، ވެރިކަން ހޯދަން މަސައްކަތް ކުރަނީ މި މުޖުތަމައުގެ މާދަމާގެ މުސްތަގްބަލް އުޖާލާ ކޮށްދިނުމަށް ކަމަށެވެ. އަދި އަމާޒަކީ އަމާން ވެއްޓެއް ގާއިމު ކޮށްދިނުން ކަމަށެވެ.
މި ޖީލުގެ ދަރީންގެ ދަރީންނަށް ދަންދެން މި ރާއްޖޭގައި މިނިވަންކަމާ އަމާންކަމާއެކީގައި އުޅެވޭނެ މާހައުލެއް ގާއިމް ކުރަން ބޭނުން ކަމަށާއި، ބޭރުގެ އަޅުވެތިކަމަށް މި ގައުމު ދިޔަދޭން ބޭނުން ނުވާކަމަށް އަދުރޭ ވިދާޅުވިއެވެ.
"ކާބަފައިން ލެޔާ ދާ އޮހޮރުވައިގެން އަޅުގަނޑުމެންނާ ހަމައަށް ވާސިލުކޮށްދިން، މި ރީތި ހިތްގައިމު މިނިވަން ދިވެހީންގެ ރާއްޖެ ދަރިންނަށްވެސް ފޯރުކޮށްދޭން މިއުޅެނީ، އެއީ އަޅަނޑުމެންގެ ޒިންމާއެއް، ދިރިތިބީންގެ މަސްއޫލިއްޔަތެއް އެއީ. އެކަން ނުކޮށްފިއްޔާ އަޅުގަނޑުމެންވެސް ވާނީ ގައްދާރުންގެ ގޮތުގަ" އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން، ވެރިކަން ކުރާ އެމްޑީޕީއިން ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓުގެ އަބުރު ކަތިލަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވައި އަދުރޭ ވިދާޅުވީ އެކަން އެގޮތަށް ނުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާ ކަމަށެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި އެމްއެންޕީއިން ވީ އެސްބަސްވުމެއް ކަމަށް ބުނެ ދައުރުކުރި ފޭކު ލިޔުމަކަށް އަލިއަޅުވާލައި އަދުރޭ ވިދާޅުވީ، އެފަދަ ކަންކަން ގަބޫލު ކުރާ ވަރަށް ވުރެ ދިވެހިން ހޭލުންތެރި ކަަމަށެވެ.
އެކަން ފުރަތަމަ ބުރުގެ ވޯޓުންވެސް ސާބިތު ކޮށްދީފައި ވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް