ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭން ފަށާފައި ވާއިރު، ޕީއެންސީގެ ކެނޑިޑޭޓް މިބުރުގައި މާލެ ސަރަހައްދުން ބޭރަށް ފުރަތަމަ ދިޔަ ރަށަކީ އއ. ބޮޑުފޮޅުދޫއެވެ.
އަރިއަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ބޮޑުފޮޅުދޫއަށް ވަޑައިގަންނަވައި އެރަށުގެ ސަޕޯޓަރުންނާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި މުއިއްޒު ވަނީ ގިނަ ވައުދުތަކެއް ވެވަޑައިގަންނަވާފައެވެ.
ފުރަތަމަ ބުރުގައި ކެމްޕޭނަށް ލިބިވަޑައިގެންނެވި ވަގުތު ކުޑަކަމާއެކު ދެވުނު ރަށްރަށްވެސް މަދުކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ ބޮޑުފޮޅުދޫއަށްވެސް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ބޭނުންވާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ، ތަރައްގީގެ ހުރިހާ މަޝްރޫއުއެއްވެސް އެންމެ ސަމާލުކަންދީގެން މިހާރަށްވުރެވެސް ރަނގަޅު ކޮށްދީގެން ކުރިއަށް ގެންގޮސްދޭނެ ކަމަށެވެ.
އެގޮތުން ބޮޑުފޮޅުދޫގެ ބިން އިތުރުވެގެން ދިޔުމަކީ ރަށުގެ ޒުވާނުންނާއި ކަނބަލުންނާއި އަދި އެކި އެކި ވިޔަފާރިތައް ކުރާ ފަރާތްތަކާ ގުޅިފައިވާ ކަމެއް ކަމަށާއި، ހޭންޑްބޯލް، ފުޓްސަލް ފަދަ އެކި ކަހަލަ ދަނޑުތަކާއެކު އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އެއް އެޅުމަކީ ރައްޔިތުން އުންމީދު ކުރާނެ ކަމެއް ކަމަށެވެ.
އެއީ ބިން އިތުރުވެގެން ދިޔުމުން ކުރެވިގެންދާނެ ކަންތައްތައް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންކަމުން ބޮޑުފޮޅުދޫގެ ބިން އިތުރުވެގެން ދިއުމުން ކުޅިވަރު ފެސިލިޓީސް ގާއިމު ކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އޭގެ އިތުރުން، އެރަށުގެ ކްލާސްރޫމް ޖާގައާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ސްކޫލަށް ޖާގަ އިތުރުކުރަމީ ތައުލީމީ ނިޒާމަށް ބޭނުންވެފައިވާ ކަމެއް ކަމަށެވެ. އަދި ގިނަ ރަށްތަކުގެ ސްކޫލްތަކުގެ ޖާގަ ކުޑަވުމާއި ސިއްހީ މަރުކަޒުގެ ފެންވަރު ދަށްވުމަކީ ފާހަގަ ކުރެވިފައިވާ ކަމެއް ކަމަށެވެ.
އެހެންކަމުން ބޮޑުފޮޅުދޫ ސްކޫލުގެ ޖާގަ އިތުރު ކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ބޮޑުފޮޅުދޫގައި ޓޫރިޒަމާއި އެކި މަސައްކަތްތައް ފުޅާވެގެން އަންނައިރު، އެރަށު ބަނދަރު ބޮޑުކުރަން ޖެހޭކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން މިހާރު ހިނގަމުންދާ މަޝްރޫއަށް އިތުރުކޮށްގެން، އެރަށު ބަނދަރުގެ ޖާގަ އިތުރު ކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ތަރައްގީއާ ގުޅިފައިވާ މިކަހަލަ ހުރިހާ ކަމެއް އެއްވެސް ރަށެއް ތަފާތެއް ނެތި ކުރިއަށް ގެންދާނެ ކަމަށެބވެ.
މީގެ އިތުރުން، ޓޫރިޒަމްގެ ސިނާއަތާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ޓޫރިޒަމަކީ އެންމެ ފުޅާކުރަން ބޭނުންވާ އެއް ސިނާއަތް ކަމަށާއި އަދި އާމްދަނީ އިތުރުވާން އޮތް އެންމެ ބޮޑު ދާއިރާ ކަމަށެވެ.
އެހެންކަމުން ބޮޑުފޮޅުދޫގައި އެ ސިނާއަތް ކުރި އެރުވުމަށްޓަކައި އިތުރު ކުރެވޭ ބިމުގައިވެސް ޓޫރިޒަމްގެ ފުރުސަތުތައް ހުޅުވާލާނެ ކަމަށާއި، އެކި ކަހަލަ ލޯނުތައް ދިނުމާއި، ލޯކަލް ޓޫރިޒަމަށް ފުރުސަތު ދީގެން އެރަށުގައި ޓޫރިޒަމް ފުޅާކޮށްދޭނެ ކަމަށެވެ.
އަދި އިންވެސްޓް ކުރަން ބޭނުންވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
ޖުމްލަ ގޮތެއްގައި އިޖްތިމާއި މަޝްރޫއުތަކާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގާނެ ކަމަށާއި، އޭގެ ތެރެއިން، ބޮޑުފޮޅަދޫގެ މަގުތައް ރަނގަޅުފެންވަރެއްގަ ތާރު އަޅައިގެން ހަދައިދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް