ތަފާތު މަންޒަރެއް: މަރުހަބާ ކިޔަން ނުކުމެ ހުރި ކުޑަކުއްޖާގެ ކަރުގައި މާފަތި އަޅުވާދިނީ މުއިއްޒު!

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭން ހަރަކާތްތައް ފަށާފައި ވާއިރު، މިއަދު އއ. ބޮޑުފޮޅުދޫއަށް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެންނެވިތަނުން ފެނިގެން ދިޔައީ ތަފާތު މަންޒަރެކެވެ. މުއިއްޒުއަށް މަރުހަ...

14 Sep 2023 | 05:07

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭން ހަރަކާތްތައް ފަށާފައި ވާއިރު، މިއަދު އއ. ބޮޑުފޮޅުދޫއަށް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެންނެވިތަނުން ފެނިގެން ދިޔައީ ތަފާތު މަންޒަރެކެވެ.

މުއިއްޒުއަށް މަރުހަބާ ކިޔަން ނުކުމެ ތިބި ގިނަ އަންހެނުން މާފަތި ހިފައިގެން ތިބިއިރު، ކުޑަ އަންހެއްކުއްޖެއްވެސް ކުޑަ މާފައްޗެއް ހިފައިގެން ހުއްޓެވެ.

ސަފުގައި ތިބި ފަހަރަކު މީހަކާ ސަލާމް ކުރައްވަމުން، އެމީހުން މާފަތި އަޅުވަންދެން ގުދުވެލަމުން މުއިއްޒު ކުރިއަށް ވަޑައިގަތެވެ. ވަކި ހިސާބަކުން ކުޑަ އަންހެން ކުއްޖާއާ އަރާ ހަމަވިއެވެ. ބަލާބެލުމަށް ތިން އަހަރުގެ އެ ކުއްޖާ އަތުގައި އޮތް ކުޑަ މާފަތި އަޅުވަން މަގުފަހިކޮށްދިނުމަށްޓަކައި އެ ކުއްޖާގެ މަންމަ އެ ކުއްޖާ އުރާލާތަން ފެނެއެވެ. ނަމަވެސް އެ ކުއްޖާއަށް މާފަތި އެޅުމުގެ ކުރިން މުއިއްޒު ވަނީ އެ މާފަތި އެކުއްޖާގެ ކަރުގައި އަޅުވާދީފައެވެ. އަދި މަޑުމަޑުން ކޮލުގައި ފިރުމާލުމަށްފަހު ކުރިއަށް ވަޑައިގަންނަވައެވެ.

ބޮޑުފޮޅުދޫއިން މުއިއްޒުއަށް މަރުހަބާ ކިޔަން ނުކުމެ ތިބި މީހުންގެ ސަފު މާކަ ދިގު ނުވި ނަމަވެސް ކޮންމެވެސް ވަރެއްގެ ސަފެއް ދަމާލާފައި އޮތެވެ.

އެރަށަށް ވަޑައިގެންނެވުމަށްފަހު މުއިއްޒު ވަނީ އެރަށުގައި ޖަގަހައެއް ހުޅުވާދީފައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު، ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މިއަދު ނުވަ ރަށަކަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި އއ އަދި އދ ގެ ބައެއް ރަށްރަށަށް މުއިއްޒު ދަތުރު ކުރައްވާނެއެވެ. މި ދަތުރު ފަށާފައި ވަނީ މިއަދު ހެނދުނުއެވެ.

މި ދަތުރުގައި މުއިއްޒު ވަޑައިގަންނަވާނީ އއ. ބޮޑުފޮޅުދޫ އަދި ފެރިދޫގެ އިތުރުން އދ. ހަންޏާމީދޫ، ކުނބުރުދޫ، އޮމަދޫ، ދަނގެތި، ދިގުރަށް، މަންދޫ އަދި ފެންފުއްޓަށެވެ.

ދަތުރު ނިންމާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ މާދަމާ ރޭގެ ވަގުތެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް