ފުރަތަމަ ބުރަށްފަހު މުއިއްޒުގެ ފުރަތަމަ ދަތުރު ނުވަ ރަށަކަށް، ފަށާނީ ބޮޑުފޮޅުދޫއިން

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު، ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މިއަދު ނުވަ ރަށަކަށް ދިއުމަށް ހަމަޖެހިއްޖެއެވެ “ދުވަސް” އަށް މައުލޫމާތު ލި...

14 Sep 2023 | 01:07

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު، ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މިއަދު ނުވަ ރަށަކަށް ދިއުމަށް ހަމަޖެހިއްޖެއެވެ

“ދުވަސް” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅުގައި އއ އަދި އދ ގެ ބައެއް ރަށްރަށަށް މުއިއްޒު ދަތުރު ކުރައްވާނެއެވެ. މި ދަތުރު ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހެނދުނުއެވެ.

މި ދަތުރުގައި މުއިއްޒު ވަޑައިގަންނަވާނީ އއ. ބޮޑުފޮޅުދޫ އަދި ފެރިދޫގެ އިތުރުން އދ. ހަންޏާމީދޫ، ކުނބުރުދޫ، އޮމަދޫ، ދަނގެތި، ދިގުރަށް، މަންދޫ އަދި ފެންފުއްޓަށެވެ.

ދަތުރު ނިންމާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ މިރޭގެ ވަގުތެއްގައެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި އއ އަތޮޅުން ކުރި ހޯއްދެވީ އެމްޑީޕީ ކޯލިޝަންގެ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އަދި އދ އަތޮޅުން ކުރި ހޯއްދެވީ ޑރ. މުއިއްޒުއެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި 46.06 އިންސައްތައާއެކު އެއްވަނަ ހޯއްދެވީ ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި 39.05 އިންސައްތައާއެކު ދެވަނަ ހޯއްދެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ފުރަތަމަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ ގިނަ ވޯޓު ލިބިފައި ނުވާތީ، އިންތިހާބު ކާމިޔާބު ކުރި ފަރާތެއް ކަނޑައަޅާނީ ދެވަނަ ބުރެއްގެ ވޯޓުންނެވެ. ދެވަނަ ބުރުގައި ވާދަ ކުރައްވާނީ ރައީސް ސޯލިހާއި ޑރ. މުއިއްޒުއެވެ.

ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ30 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް