ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓްތަކާއި، ސަރުކާރު ކުންފުނިތަކަށް އަޅާފައިވާ ފްލެޓް ތަކުގެ ކުލި ކުޑަކޮށްދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، ރޭ މާވެޔޮ މަގުގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ، ވިނަރެސް އަކީ ކުރީގެ ސަރުކާރުން ފެށި މަޝްރޫއެއް ކަމަށާއި، އޭރު އެމަނިކުފާނު ހުންނެވީ ހައުސިންގް މިނިސްޓަރުގެ މަގާމުގައި ކަމަށް ވުމުން، އެ މަޝްރޫއުގެ ހުރިހާ އަގުތަކަކާއި ތަފްސީލުތައް އެނގިވަޑައިގަންނަވާ ކަމަށެވެ.
ވިނަރެސްއަށް ޑައުންޕޭމަންޓް ދައްކުމަށްފަހު މަހުންމަހަށް ކުލި ދައްކާގޮތަށް ހެދީ މި ސަރުކާރުންކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ އެވަރުގެ ބޮޑު އަގެއް ނުނެގި ނަމަވެސް އާބަންކޯއަށް ފައިދާ ވާނެ ކަަމަށެވެ.
އޭގެ އިތުރުން ސަރުކާރު ކުންފުނިތަކުން އަޅާފައިވާ ކުލިވެސް ބޮޑުކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭން ހިންގާ އެފަދަ މަޝްރޫއުތަކުގެ އަގު އެހާ ބޮޑުވެގެން ނުވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނަށް ވެރިކަމަށް އާދެވިއްޖެ ނަމަ އެހާ އަނިޔާވެރި ނުވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް