މުއިއްޒުއަކީ ރައްޔިތުންނަށް އޯގާތެރި ވާނެ މީހެއް ނޫން: މޫކޭ

ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަކީ ރައްޔިތުންނަށް އޯގާތެރި ވާނެ މީހެއް ނޫން ކަމަށް އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ. މޫކޭ މިހެން ވިދާޅުވީ ރ...

13 Sep 2023 | 20:48

ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަކީ ރައްޔިތުންނަށް އޯގާތެރި ވާނެ މީހެއް ނޫން ކަމަށް އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

މޫކޭ މިހެން ވިދާޅުވީ ރޭ އެމްޑީޕީގެ ފަރާތުން ސޯސަން މަގުގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މޫކޭ ވިދާޅުވީ، މީގެ ފަސް އަހަރު ކުރިން ހަމަ މިދުވަސްވަރު މަގުތަކުގައި ސިޔާސީ ހަރަކާތްތައް ނުހިންގި، މަގުމަތުގައި ޕޯސްޓަރ ނުޖެހިގެން ސިޔާސީ ހަރަކާތްތައް ބާއްވަން ޖެހުނީ ފިލާތިބެ ކުދިކުދި ޖަގަހަ ތަކުގެ ތެރޭގައި ކަމަށެވެ.

އޭރުގެ ހަނދާންތައް އާކުރަމުން މޫކޭ ވިދާޅުވީ، އެއް ރެއަކު ކުނޫޒުގައި ބޭއްވި ސިޔާސީ ޖަލްސާގއެއްގައި އެ ޖަގަހަ ފުރި މަގުމަތީގައި މީހުން ތިއްބައި އެތަން ރޫޅާލީ މުއިއްޒު ކަމަށެވެ.

"މިއަދު ކިތަންމެ ވަރަކަށް ހޮޅި ވާހަކަ ދެއްކިޔަސް އެއީކީއެއް ރައްޔިތުންނަށް އޯގާތެރިވާނެ މީހެއް ނޫން" މޫކޭ ވިދާޅުވިއެވެ.

މީގެ އިތުރުން މޫކޭ ވިދާޅުވީ، ވިހާ މަރުވާ ބަލަން ކައުންސިލްތަކާ ހަވާލުކޮށް، ރަށްރަށުގައި ސަރުކާރުން ހިންގާ ޕްރޮޖެކްޓްތައް ހިންގަން ކައުންސިލްތަކާއި ރައްޔިތުންގެ ހިޔާލު ތަފާތު ވުމުން ކައުންސިލަރުން ސަސްޕެންޑް ކޮށްފައި ވަނީވެސް މުއިއްޒު ކަމަށެވެ.

މާލޭ މޭޔަރު ކަމަށް މުއިއްޒު ވަޑައިގެންނެވީ ވަރަށް ގިނަ ވައުދުތައް ވެވަޑައިގަތުމަށްފަހު ކަމަށް ވިޔަސް، ފުއްދުނީ ކޮން ވައުދެއްތޯ މޫކޭ ވަނީ ސުވާލު އުފައްދާފައެވެ.

"ގޮޅި ކުރަހާފަ މަގުތައް ބަހާކުން ފިޔަވާ، ކެޕްމޭނަށް ލާރި ހޯދަން މަގުތައް ބަހާލުން ފިޔަވާ އިތުރު ކަމެއް ނުކުރައްވާ" މޫކޭ ވިދާޅުވިއެވެ.

މީގެ އިތުރުން މޫކޭ ވިދާޅުވީ، ޒަމާނީ ފެންވަރަށް އަމީނީ މަގު ހަދައި ބޮޑުބައެއް ނިންމާފައި އޮއްވާ އެތަނުގައި މަގު ހުރަހަށް މުއިއްޒު ވަނީ ހޮޅި އަޅާފައި ކަމަށް މޫކޭ ވިދާޅުވިއެވެ.

މޫކޭ ވިދާޅުވީ ރައްޔިތުން އެ ހޮޅިން ސަލާމަތް ނުވާނެ ކަމަށާއި، އެކަމުން ސަލާމަތް ވާން ބޭނުން ނަމަ މުއިއްޒު ނޫން ގޮތެއް ހޯދަން ޖެހޭ ކަމަށެވެ. އަދި އެގޮތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޮވުން ކަމަށް މޫކޭ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް