ހއ. ހޯރަފުށީ އެއަރޕޯރޓް ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމައިފި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރޭކްޓިންގ ކޮމްޕަނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީ އިން ހޯރަފުށީގައި ތަރައްޤީކުރި އެއަރޕޯޓާއިއެކު ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ރަށްތަކަށް ވަނީ ދަތުރުފަތުރުކުރުމުގައި ވަރަށް ބޮޑު ކުރިއެރުމަކާއި ތަސައްލީއެއް ލިބިފައިކަމަށް އެ ކުންފުނިން ބުނެއެވެ.
އެމްޓީސީސީ އިން ބުނެފައިވާ ގޮތުގައި ހޯރަފުށި އެއަރޕޯޓަށް ކައިރި އެހެން ރަށްތަކުގެ ރަށްވެހިން ދަތުރުކުރުމުގައި ހޯރަފުށި ބަނދަރު ބޭނުންކުރަންޖެހުމުން، އެއަރޕޯޓްއަށް ދިއުމަށްޓަކައި އިތުރު އެއްގަމު ދަތުރެއްގެ ހޭދަ އޮންނަނީ ކުރަންޖެހި ފައެވެ. މީގެ މައިގަނޑު ސަބަބަކީ އެއަރޕޯޓާއި ބަނދަރާއި ފުދޭވަރަކަށް ދުރުވުމުވެ.
އެހެންކަމުން، ނިމިގެން މިދިޔަ ހޯރަފުށީ އެއަރޕޯޓް ޖެޓީ ހެދުމުގެ މަޝްރޫޢުގެ ސަބަބުން ހޯރަފުށި ކައިރީގައިވާ ހުރިހާ ރަށެއްގެ ރައްޔިތުންނަށް އިތުރު ދަތުރެއް ނުކޮށް ސީދާ އެއަރޕޯޓްއަށް އާދެވޭނެ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ. މިއީ، ހަމަގައިމުވެސް މި އެއަރޕޯޓް ބޭނުންކުރަމުންދާ ހުރިހާ ފަރާތްތަކަށް ގިނަގުނަ ލުއިފަސޭހަތަކެއް ލިބޭނެކަމެއްގެ ގޮތުގައި އެ ކުންފުނިން ޤަބޫލުކުރެއެވެ.
މީގެ އިތުރަށް، މި މަޝްރޫޢުގެ ދަށުން، 18,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 44 މީޓަރުގެ އެއްގަމުތޮށި ލުމާއި، އެލް ބްލޮކް ބޭނުންކޮށްގެން ޖެޓީއެއް ހެދުމާއި، 49 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖަހާ ޖެޓީ ސަރަޙައްދު ހިމާޔަތް ކުރުމާއި، 51,587 ކިއުބިކް މީޓަރުގެ ޖެޓީ ސަރަޙައްދުގެ ބިން ހިއްކުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢަކީ 5.65 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް