ކަލައިދޫ-ދަނބިދޫ ކޯޒްވޭ ހެދުމުގެ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒްކޮށްފި

ލ. ކަލައިދޫ-ދަނބިދޫ ކޯޒްވޭ ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ނިމިދިޔަ އާދިއްތަ ދުވަހު ޕްރޮޖެކްޓް ސައިޓް ވަނީ މޮބިލައިޒް ކުރައްވާފައި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރޭކް...

13 Sep 2023 | 20:23

ލ. ކަލައިދޫ-ދަނބިދޫ ކޯޒްވޭ ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ނިމިދިޔަ އާދިއްތަ ދުވަހު ޕްރޮޖެކްޓް ސައިޓް ވަނީ މޮބިލައިޒް ކުރައްވާފައި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރޭކްޓިންގ ކޮމްޕަނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ލ. ކަލައިދޫ، ލ. އިސްދޫ އަދި ލ. ދަނބިދޫ އަކީ އާއިލީގޮތުންވެސް ގުޅިފައިވާ ރައްޔިތުންތަކެއް ދިރިއުޅޭ 3 ރަށެވެ. އަދި މި ތިން ރަށަކީވެސް ބިމުގެ ޖާގައިގެ ގޮތުން ތަނަވަސް ތިން ރަށަށްވާއިރު، އިސްދޫ އަދި ކަލައިދޫ އަކީ އެއް ފަސްގަނޑުގައި އޮންނަ ދެ ރަށެއް ކަމަށް އެމްޓީސީސީ އިން ފާހަގަކޮށްފައިވެއެވެ.

އެމްޓީސީސީ އިން ބުނާ ގޮތުގައި ދަނބިދޫ އަކީ ވަކިން އޮންނަ ރަށަކަށްވީއިރު، ލ. ދަނބިދޫ އާއި ކަލައިދޫ ކޯޒްވޭ އަކުން ގުޅާލުމުގެ މަޝްރޫޢު ނިމުމުން މި 3 ރަށް އެކީގައި ގުޅިގެން ދާނެއެވެ. މި ދެރަށުގެ ރައްޔިތުންނަކީވެސް އެކި ބޭނުންތަކަށް އެއްރަށުން އަނެއް ރަށަށް ކޮންމެ ދުވަހަކުހެން ދަތުރުކޮށް ހަދާ ރައްޔިތުންތަކެއް ކަމަށް އެމްޓީސީސީ އިން ހާމަކޮށްފައިވެއެވެ.

އެގޮތުން، މި 3 ރަށް ކޯޒްވޭ އަކުން ގުޅުމަކީ، އޭގެ ސަބަބުން، މި 3 ރަށުގެ ރައްޔިތުންނަށް، ވަރަށް ބޮޑު ލުއިފަސާހަތަކެއް ދަތުރުފަތުރާއި، އިޤްތިޞާދީ ގޮތުންނާއި އަދި އިޖްތިމާޢީ ގޮތުންވެސް ހޯދައިދޭނެ ކަމެއްގެ ގޮތުގައި ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.

މީގެ އިތުރަށް، މި މަޝްރޫޢުގެ ދަށުން ، 42,624 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 271 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 752 މީޓަރުގެ ސްކައުރިންގ އޭޕްރަން ހެދުމާއި، 315 މީޓަރުގެ ބްރިޖެއް ހެދުމާއި، 714 މީޓަރުގެ ރީޓެއިނިންގ ފާރެއް ހެދުމާއި، 7,266 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދު ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ އަގަކީ 144.38 މިލިއަން ރުފިޔާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް