ބްރޮޑްކާސްޓިންގ ދާއިރާގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ސަމަރުބުލޫ އިބްރާހިމް މަނިކަށާއި އަލްމަރްހޫމާ ޒާހިދާ އިބްރާހިމް (ޒާހިދާއައްތަ) އަށް އަރުވައިފިއެވެ.
މި އެވޯޑު އެ ފަރާތްތަކަށް އަރުވާފައިވަނީ މިރޭ ބޭއްވި ބްރޯޑުކާސްޓިންގ އެވޯޑު ހަފުލާގައެވެ.
އިބްރާހިމް މަނިކަކީ ރާއްޖޭގެ ބްރޮޑްކާސްޓިންގ ގެ ހަޔާތުގައި 32 އަހަރުގެ ދިގު ޚިދުމަތެއް ކުރައްވާ، ޚާއްސަކޮށް ރޭޑިއޯ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. އަދި ރާއްޖޭގެ ބްރޮޑްކާސްޓިންގ ދާއިރާއަށް މީހުން ބިނާ ކުރެއްވުމުގައި ވެސް ގިނަ ޚިދުމަތްތަކެއް ކުރައްވާފައުވާ ބޭފުޅެކެވެ.
މީގެ އިތުރުން ބާއްޖަވެރި ހެނދުނެއް އުފެއްދެވުމާއި ހުށަހެޅުއްވުމުގައި އިސްދައުރެއް ސަމަރޭ އަދާކުރައްވާފައިވާއިރު، އެ ޕްރޮގްރާމަކީ މެދުނުކެނޑި ރޭޑިއޯއިން ފޮނުވަމުން އަންނަ ހަމައެކަނި ޕްރޮގްރާމެވެ.
ބްރޮޑްކާސްޓިންގ ދާއިރާއަށް ޕްރޮގްރާމްތައް އުފެއްދެވުމާއި މީހުން ބިނާ ކުރެއްވުމާއި ފޮތް ލިއުންވުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ އިބްރާހިމް މަނިކު ވަނީ 2001 ވަނަ އަހަރު ސަރުކާރުން ދެއްވާ ޚާއްސަ އިނާމު ވެސް ހާސިލް ކުރައްވާފައެވެ.
ކުޅަދާނަ ރޭޑިއޯ ޕްރެޒެންޓަރ އަލްމަރްހޫމާ ޒާހިދާ އިބްރާހިމް ނުވަތަ ޒާހިދައްތައަކީ ބްރޮޑްކާސްޓިންގ ދާއިރާގައި އުމުރުގެ ބޮޑުބައި ހޭދަކުރެއްވީ ފަރާތެކެވެ. ޚާއްސަކޮށް ހަފްތާ ބަނދުގައި ގެނެސްދޭ ކުޑަކުދިންގެ ވާހަކަ 'އެބައުޅޭ އެބައުޅޭ' ފަދަ ހަނދާނުން ފިލައިގެން ނުދާފަދަ ރޭޑިއޯ ޕްރޮގްރާމްތައް ޒާހިދާއައްތަ ހުށަހަޅުއްވާދެއްވާފައިވާއިރު، ކުދިބޮޑު އެންމެންގެ ލޯތްބާއި އިހްތިރާމް ވަނީ ހޯއްދަވާފައެވެ.
މަރްހޫމާ ޒާހިދާއަށް ބްރޮޑްކާސްޓިންގ ކޮމިޝަނުން އެރުވި ލައިފް ޓައިމް އެޗީވްމެންޓް އެވޯޑާއި ހަވާލުވެލެއްވީ ޒާހިދާއައްތަގެ ދަރިކަނބަލުން އައިޝަތު ޝިޔާރާ އެވެ.
ބްރޮޑްކާސްޓިން އެވޯޑު ތައާރަފްކޮށްފައި މިވަނީ ރާއްޖޭގައި ބްރޮޑްކާސްޓިންގ ގެ ދާއިރާ އުފަންވިތާ 60 އަހަރު ފަހުންނެވެ. އަދި މިއަހަރުން ފެށިގެން ކުރިޔަށް އޮތްތަނުގައި ބްރޮޑްކާސްޓިންގ ދާއިރާގެ އެވޯޑް ދިނުމަށް ބްރޮޑްކާސްޓިންގ ކޮމިޝަނުން ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް