އެމްއެމްޕީއާރްސީ ޚިޔާނާތް: ކުރީގެ މެމްބަރު ނިހާންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މާދަމާ ހެނދުނު

އެމްއެމްޕީއާރްސީ ޚިޔާނާތާއި ގުޅިގެން ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މާދަމާ ހެނދުނު ބާއްވަން ތާވަލުކޮށްފިއެވެ. މި މައްސަލައާއި ގުޅިގ...

14 Sep 2022 | 14:21

އެމްއެމްޕީއާރްސީ ޚިޔާނާތާއި ގުޅިގެން ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މާދަމާ ހެނދުނު ބާއްވަން ތާވަލުކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ނިހާންގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައިވާއިރު، މި ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވަނީ މާދަމާ ހެނދުނު 9:00 އަށެވެ.

ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ކުރީގެ ލީޑަރުކަން ވެސް ކުރައްވާފައިވާ ނިހާނުގެ މައްޗަށް އެމްއެމްޕީއާރުސީ މައްސަލައިގައި ރިޝްވަތަށް އެދުމުގެ ދެ ދައުވާއަކާއި، ރިޝްވަތު ހިފުމުގެ ތިން ދައުވާއެއް ވަނީ އުފުލާފައެވެ. އަދި މަނީ ލޯންޑާ ކުރި ކަމުގެ ދައުވާއެއް ހިމެނޭހެން ހަ ދައުވާއެއް ކުރިއެވެ.

އެ ހަ ދައުވާގެ ތެރެއިން ރިޝްވަތުގެ ހިފުމުގެ ކުށުގެ އެއް ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ.

އޭނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯއްދަވާ ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު އެބައޮތެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ތުހުމަތު ކުރާ ގޮތުގައި، ނިޙާން ވަނީ އެ ފައިސާ އާއި އެހެން ފައިސާ އެއްކުރުމަށް ފަހު ޕްލެޓިނަމް ރެޒިޑެންސުން އެޕާޓްމެންޓެއް ވެސް ބައްލަވައިގެންފައެވެ. މި މައްސަލައިގައި ނިހާންގެ އެޕާޓްމަންޓަކާއި ރޮލެކްސް ގަޑިއެއް ދައުލަތަށް ނަގައިދިނުމަށް ވަނީ އެދިފައެވެ.

އެ ގަޑިއަކީ ރިޝްވަތުގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ރާއްޖޭގެ ވިޔަފާރިވެރިއެއް ކަމުގައިވާ މަރުހޫމް މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) މެދުވެރިކޮށް ދިން ގަޑިއެއް ކަމަށް ދައުލަތުން ވަނީ މީގެ ކުރިން ބުނެފައެވެ.

ނިހާންގެ މައްޗަށް މި ދައުވާތައް ސާބިތުވެއްޖެ 36 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް